ޚަބަރު

އަވަހަށް ކަސްރަތު ފަށްޓަވާ، އަމާޒަކީ ޒުވާނުންގެ ހުވަފެން ހަގީގަތަކަށް ހެދުން - ރައީސް


ސަރުކާރުގެ އެންމެ ބޮޑު އަޒުމަކީ ކުޅިވަރުގެ ރޮނގުން ޒުވާނުންދެކޭ ހުވަފެންތައް ހަގީގަތަކަށް ހައްދަވައިދެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުޅިވަރު ކުރިއެރުވުމާއެކު ތޮއްޖެހިފައިއޮތް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެކަމެއް ކޮށްދެއްވުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށެވެ.

ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއަދަކީ ރާއްޖޭގެ އެތުލީޓުންނަށް ވަރަށް އުފާވެރި ދުވަހަކަށް ވާނެކަން ޔަޤީންކުރައްވާކަމަށެވެ. އަލަށް މި ހުޅުވުނު ޓްރެކުގެ ސަބަބުން، ރާއްޖޭގެ އެތުލީޓުން އެތައް އަހަރެއް ވަންދެން، ކުރަމުން އައި ޝަކުވާތަކަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެކަށް ރައީސް ވިދާޅުވިއެވެ. އަދި ކަސްރަތުކުރުމަށް ނުކުންނަށް މީހުންނަށްވެސް މި ޓްރެކު މުހިންމު ތަނަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކުރިން ވަރަށް އާދައިގެ ގޮތަކަށް އޮތް މި ޓްރެކަށް މިގެނެވުނު ބަދަލުގެ ސަބަބުން ކަސްރަތު މުބާރާތްތަކާއި ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅު ވެގެން ދާނެ. އަދި ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށް ވެސް، ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ. " ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ކުރިން ޗަކަ ވެލި ބިމެއްގެ ގޮތުގައި އޮތް ޓްރެކް ދަނޑު 6 މަސްދުވަހުގެ ތެރޭގައި ޒަމާނީ ފެންވަރުގެ ސިންތެޓިކް ޓްރެކަށް މިބަދަލުކުރެވުނީ ވަރަށް ދީލަތި ފަރާތްތަކެއްގެ އެހީތެރިކަމާއެކުކަން ފާހަގަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެފަރާތަކަށް ޝުކުރު އަދާކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހި ކުޅިވަރުގެ ބައްޕަކަމުގައިވާ އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރުގެ ނަންފުޅު ފާހަގަކުރައްވާފައެވެ. އަދި ދިވެހި ކުޅިވަރު ތަރައްޤީކުރެއްވުމަށް މައިޒާން އަލިމަނިކު ކުރެއްވި މަސައްކަތްޕުޅުވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

" މިދެންނެވި ދުވަސްވަރު، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަވީރުގެ ވަގުތުތަކުގައި ޒާހިރު ނަސީރު އުޅުއްވާނީ މި ސަރަޙައްދުގައި. ބައެއް ފަހަރަށް ވޮލީ ކުޅުންތެރިން ގޮވައިގެން، ބައެއް ދުވަސްވަރު ކްރިކެޓް ކުޅުންތެރިންނާ އެކު، އަދި ބައެއް ދުވަސްވަރު އެތުލީޓުން ގޮވައިގެން. މަންޑި މުބާރާތްތަކާއި ބަށި މުބާރާތައްވެސް، ޒާހިރު ނަޞީރުގެ ރޭއްވެވުމުގެ މަތިން ވަރަށް ގިނަ އަހަރުވަންދެން ކުރިއަށް ދިޔަ. އާދެ، މިއަދު ރާއްޖޭގެ ކުޅިވަރު މިއޮތް ފެންވަރަށް ތަރައްޤީވެފައިވަނީ، މާގިނަ ވަސީލަތެއް ނެތް، މިދެންނެވި ދަތި ދުވަސްވަރު، ޒާހިރު ނަޞީރު އިސްނަންގަވައިގެން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުންކަން ޔަޤީން. ރާއްޖޭގެ ކުޅިވަރުގެ ޙަޔާތުން ދުވަހަކުވެސް އެމަނިކުފާނުގެ ނަންފުޅު ފޮހެވިގެނެއް ނުދާނެ. އެމަނިކު ފާނުގެ ފުރާނަފުޅަށް ސުވަރު ގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރަން. އެދުވަސްވަރު، ކުޅުންތެރިންނާއި އެތުލީޓުން އުފެއްދުމަށް ކުރެވުނު މަސައްކަތްތަކާއި، އެކަމުގައި ކުރިމަތިވި ގޮންޖެހުންތައް، އެންމެ ބޮޑަށް ވަޒަންކުރެއްވޭނެ އެއް ބޭފުޅަކީ، އަދި މިތަނުގައި ސިންތެޓިކް ޓްރެކެއް ހުޅުވުމުން، އެކަމާ އެންމެ އުފާކުރައްވާ ނެ އެއް ބޭފުޅަކީ ވެސް، މިއިންނެވި މައިޒާން އަލިބެ. އަލިބެއަކީ އަބަދުވެސް ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. އެހެންކަމުން، މައިޒާން އަލިބެއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ސިންތެޓިކް ޓްރެކް ހުޅުވާދެއްވުމަށް ރައީސް ވިދާޅުވީ އެތަނީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ޚާއްޞަ ތަނެއް ނޫންކަމަށެވެ. މިތަނަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ ޢާންމު ޞިއްޙަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއްކަމަށެވެ. ރައީސް ވިދާޅުވީ މިއީ ކުޅިވަރު، ވަސީލަތްތައް ތަރައްޤީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ޚާއްޞަ އިސްކަމެއް ދީގެން ކޮށްފައިވާ މަސައްކަތެއްކަމަށެވެ.

" އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން އަޅުގަނޑުމެން ދެކޭ ހުވަފެންތައް، ޙަޤީޤަތަކަށް ހެދޭނެ މަގު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން. އޭގެ އިތުރުން، ތޮއްޖެހިފައި އޮތް މި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުން. މިއީ، ދޮށީ ޢުމުރުގެ ބޭފުޅުންނަށް ވެސް، ރައްކާތެރިކަމާއެކު މިތަނުގައި ހިންގަވައި ކަސްރަތުކުރެއްވޭނެ ގޮތަށް، ރަނގަޅު ފެންވަރުގައި ހަދާފައި އޮތް ޓްރެކެއް. މިހާތަނަށް ކަސްރަތު ނުފައްޓަވާ ބޭފުޅުންވެސް މިތަނަށް ވަޑައިގެން، ހަށިހެޔޮ ދިރިއުޅުމަކަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރިކަމެއް." ރައީސް ވިދާޅުވިއެވެ.

ދިވެހި ކުޅުންތެރިން ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މިހާރު މަދު ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް އެފަދަ ކާމިޔާބީތަކާއި މިންވަރާއި ގާތަށްވެސް ތަރައްޤީކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ ދިވެހި ކުޅުންތެރިންނަށް ބޭނުންވާ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ޤާއިމުކޮށްދިނުންކަމަށެވެ. އަދި މި ޤާއިމުކުރާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެން ދިޔުމަކީ ސަރުކާރުގެ އެދުމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.