ޚަބަރު

އެއްބަސްވުން އުވާލުމަށްފަހު އީގަލްސްގެ ކޯޗުކަމުން މޯހަން ވަކިވެއްޖެ


އެއްބަސްވުން އުވާލުމަށްފަހު ކުލަބް އީގަލްސްގެ ކޯޗުކަމުން މުހައްމަދު ޝިޔާޒް (މޯހަން) ވަކިވެއްޖެއެވެ. އެއްބަސްވުން އުވާލުމަށްފަހު ކޯޗުކަމުން މުހައްމަދު ޝިޔާޒް (މޯހަން) ވަކިވިކަން ހާމަކޮށްފައިވަނީ އެޓީމްގެ ރަސްމީ ފޭސްބުކް ޕޭޖްގައެވެ.

މޯހަންއާ އެކު ދެކެވުނު ވާހަކައިގައި އެންމެ ރަނގަޅު ގޮތަކަަށް ފެނުނީ މި ވަގުތު ކޮންޓްރެކްޓް އުވާލުން ކަމަށްވާތީ އެ ގޮތަށް ކުރިއަށްދާން ނިންމީ ކަމަށްވެސް ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ. އީގަލްސް އިން ވަނީ މޯހަން އެ ޓީމަށް ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. ކުލަބް އީގަލްސްއާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ މުހައްމަދު ޝިޔާޒް މޯހަންއަކީ ކުލަބް ވެލެންސިޔާގެ އިތުރުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގައިވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ކޯޗެކެވެ. ކޯޗިންގެ އެންމެ މަތީ ފާސްކަމުގައިވާ ޕްރޯ ލައިސަންސް ވެސް ހާސިލްކޮށްފައިވާ މޯހަންވަނީ 2008ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި ހޯދި ޓީމަށް އެސިސްޓަންޓް ކޯޗެއްގެ ގޮތުން އިރުޝާދު ދީފައެވެ.

ކުލަބް އީގަލްސްގެ ކޯޗްކަމުން މޯހަން ވަކިވެފައިވާއިރު، މިސީޒަންގައި އެޓީމަށް މާރަގަނޅު ކުޅުމެއްދެއްކިފައެއް ނުވެއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ކުލަބް އީގަލްސްއިން މިހާތަނަށް 6 މެޗް ކުޅެފައިވާއިރު އެޓީމް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. 4 މެޗުން ބަލިވީއިރު، 1 މެޗުންވީ އެއްވަރެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗް ކުލަބް އީގަލްސް ކާމިޔާބުކުރި ފަހުން، އެޓީމަށް މާއެދޭ ކުޅުމެއް ދެއްކިފައިނުވާއިރު، ރޭ އެޓީމްވަނީ ގްރީން ސްޓްރީޓްސް އަތުން 4 ލަނޑު 1 ލަނޑު ބަލިވެފައެވެ. ކުލަބް އީގަލްސް މިވަގުތު ލީގްގައި އޮތީ 7 ވަނާގައެވެ.

މޯހަންގެ އިތުރުން މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމްވެސްވަނީ ކޮންޓްރެކްޓް އުވާލުމަށްފަހު ކޯޗުކަމުން ވަކިވެފައެވެ.