ވިޔަފާރި

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ 2 ވަނަ ޕާޓްނަރަކަށް ދުސިތު ތާނީ މޯލްޑިވްސް


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ ޕާޓްނަރަކަށް ދުސިތު ތާނީ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ ޕާޓްނަރަކަށް ދުސިތު ތާނީ މޯލްޑިވްސް ހަމަޖެއްސުމުން، އެރިސޯޓް ވެފައިވަނީ ބޯޑަރ މައިލްސްގެ 2 ވަނަ ޕާޓްނަރަށެވެ. މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގެ ފުރަތަމަ ޕާޓްނަރަކީ "ކްރޮސްރޯޑް މޯލްޑިވްސް"އެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މި ޕްރޮގުރާމްގެ ޕާޓްނަރަކަށްވުމުގެ ފުރުސަތު އިމިޤްރޭޝަނުން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

އެހެން ލޯޔަލްޓީ ޕްރޮގްރާމްތަކާއި ޙިލާފަށް މި ޕްރޮގުރާމްގެ މެންބަރަކަށްވެ، ގިންތިތަކަށް ވާސިލްވުމުން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައިވާ ފެސިލިޓީތަކުން މެންބަރުންނަށް ޙާއްސަ އިނާޔަތްތައް ލިބޭނެއެވެ. އެގޮތުން އެތަންތަނުން ފޯރުކޮށްދޭ ގިނަ ޙިދުމަތްތަކަކުން ބޯޑަރ މައިލްސްގައި ބައިވެރިވެފައިވާ ފަތުރުވެރިންނަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ. ބްރޮންޒްއަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރއަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ. މިއިން ކޮންމެ ދަރަޖައަކަށް ލިބޭ އިނާޔަތްތައްވެސް ތަފާތެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަތުރުވެރިންނަށް ޚިދުމަތްދޭ ފެސިލިޓީތަކާއި އަދި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އެހެން ވިޔަފާރިތަކަށްވެސް ޕާޓްނަރުންނަށްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުން އީމެއިލް ([email protected]) މެދުވެރިކޮށް އިމިގްރޭޝަނަށް އެކަން އެންގުމަށް އެވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާ ޕާޓްނަރުންގެ އަތުން ފީއެއް ނުނަގާއެވެ. އިމިޤްރޭޝަނުން ބުނީ މިހާރުވެސް އިތުރު ތަންތަނުން ޕްރޮގްރާމްގެ ޕާޓްނަރުންނަށް ވުމަށް ހުށައަޅާފައިވާކަމަށެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމްގައި ބައިވެރިވުމަށް ފަތުރުވެރިން ރާއްޖޭގައި މަދުވެގެން 3 ދުވަސް މަޑުކުރަންޖެހެއެވެ. އަދި މަޑުކުރަންޖެހޭނީ ޓޫރިސްޓް ފެސިލިޓީއެއްގައެވެ.