ކުޅިވަރު

ޕްރިމިއަރ ލީގުގެ ވާދަވެރި ދެކްލަބު ލިވަޕޫލާއި ޔުނައިޓެޑުގެ ކުރިމަތިލުން


އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެ ކާމިޔާބު އަދި އެންމެ ވާދަވެރި ދެ ކްލަބް ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް މާދަމާ ރޭ ބައްދަލުކުރާ މެޗަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ. ފަހަކަށް އައިސް ތާވަލްގެ އެންވަނައަށް އެރުމަށް މިދެޓީމްގެ ދެމެދުގައި ވާދަކުރާތަން އެންމެފަހުން ފެނުނީ 2008 – 2009 ވަނަ އަހަރުގެ ސީޒަންގައެވެ. އޭގެފަހުން މިވީ 12 ސީޒަންގައި ތާވަލްގެ އެންވަނައަށް އެރުމަށް މިދެޓީމްގެ ދެމެދުގައި ވާދަކުރާތަން ފެނިގެން ގޮސްފައެއް ނުވެއެވެ.

އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ވާދަވެރި ދެޓީމް ކަމަށްވާ ލިވަޕޫލާއި މެންޗެސްޓަރ މާދާމާ ރޭ ގެ މެޗަށް ނިކުންނައިރު ދެޓީމަށްވެސްވަނީ އަނިޔާގެ މައްސަލަ ތަކާއި ކުރިމަތިވެފައެވެ. މިގޮތުން ލިވަޕޫލް ޓީމަށް ބަލާލާއިރު އެޓީމުގެ ޑިފެންސްގައި މިސީޒަންގައި ކުޅެމުންދާ ޖޮއެލް މަޓިޕް މާދަމާ ރޭގެ މެޗަށް މުޅިން ފިޓް ނުވާނެކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ހާމަކުރެއެވެ. އަދި ނެބީ ކެއިޓާވެސް މިމެޗުން ނުފެންނާނެކަންވެސް ވަނީ ޔަގީން ވެފައެވެ. މީގެއިތުރުން ޖޯ ގޯމޭޒް އާއި ޑިއެގޯ ޖޮޓާ އަދި ވަރޖިލް ވެން ޑައިކް އަދިވެސް ތިބީ އަނިޔާގައެވެ.

މެންޗެސްޓަރއަށް ބަލާލާއިރު އެޓީމް އެންމެފަހުން ކުޅުނު މެޗްގައި އެންތަނީ މާރޝަލް، ނެމަންޔާ މެޓިޗް އަދި ވިކްޓރ ލިންޑެލޯފަށްވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައެވެ. ނަމަވެސް މިއަދު ބާއްވާ އެންމެ ފަހުގެ ފަރިތަކުރުންތަކުގައި މިހުރިހާ ކުޅުންތެރިންނަށްވެސް މެޗަށް ރަގަޅަށް ފިޓް ވެފައިވާކަން ސާބިތު ކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މެންޗެސްޓަރގެ ކޯޗް އޮލެގަނަރ ސޯލްޝަޔަރ ހާމަކުރިއެވެ.

މިއަހަރުގެ ސީޒަން ފެށިއިރު ލިވަޕޫލް، އެޓީމް މިދިޔަ ސީޒަންގައި ދައްކަމުންދިޔަ މޮޅު ކުޅުން ފެނުނު ނަމަވެސް ފަހަކަށް އައިސް ކުޅުނު މެޗް ތަކުގައި އެޓީމްގެ އެންމެ މޮޅު ކުޅުން ދެއްކިފައެއް ނުވެއެވެ. އޭގެ ބަދަލުގައި މެންޗެސްޓާގެ ފަރާތުން މިސީޒަންގައި ފަހަކަށް އައިސް ފެންނަމުންދަނީ ވަރަށް ރަގަޅު ކުޅުމެކެވެ. މިދެޓީމް މިދިޔަ ސީޒަންގައި ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗް 2 ލަނޑު ސުން ލަނޑުން ލިވަޕޫލް ކާމިޔާބު ކުރުމާއެކު އެޓީމަށް މެންޗެސްޓަރގެ މައްޗަށް 30 ޕޮއިންޓްގެ ލީޑެއް ލިބުނެވެ. ނަމަވެސް މިފަހަރު މިދެޓީމް އެންފީލްޑްގައި ބައްދަލުކުރާއިރު ލިވަޕޫލަށް މިވަނީ މެންޗެސްޓަރއާ އަރާ ހަމަކުރުމަށްޓަކައި މިމެޗުން މޮޅުވުން ކޮންމެހެން މުހިންމު ވެފައެވެ.

މިމެޗަށް ނިކުންނައިރު މެންޗެސްޓަރއަށް އޮތް އެންމެ ބޮޑު ހިތްވަރަކީ އެޓީމް މިވަގުތު އޮތް ފޯމެވެ. އަދި ފުޓްބޯޅަ ދިރާސާ ކުރާ ގިނަ ފަރާތްތަކުން ބުރަވާގޮތުގައި މިމެޗްގައި މެންޗަސްޓަރގެ ހަލުވި ފޯވަޑް ލައިނުން ލިވަޕޫލްގެ ޑިފެންސަށް ވަރަށް ބޮޑަށް ނުރައްކާ ކުރެވޭނެއެވެ. އަދި މެންޗެސްޓަރ މިހާރު ދައްކާ ކުޅުމަށް ބަލާއިރު ލިވަޕޫލްގެ ގޯލް އެޓީމުން ފޫއަޅުވާލާނެކަމަށް ބެލެވެއެވެ. އަދި މިފަދަ މުހިންމު މެޗަކަށް ނިކުންނައިރު ލިވަޕޫލްގެ ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭގޮތް ނުވުމަކީ އެޓީމަށް ލިބޭނެ އިތުރު ހީނަރުކަމެކެވެ. މިހެން ބުނި ނަމަވެސް ލިވަޕޫލުންވަނީ މިސީޒަންގައި ދިމާވެފައިވާ އަނިޔާ ތަކާއެކުވެސް މިދިޔަ ހަފްތާއާ ހަމައަށް ތާވަލްގެ އެއްވަނައިގާ ފައިތިލަ ސާބިތުކޮށްފައެވެ. އަދި ޓީމް ރޫހު ވަރަށް ވަރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާ ލިވަޕޫލްގެ މައްޗަށް އަމިއްލަ ދަނޑުގައި ކުރި ހޯދުމަކީ މެންޗެސްޓަރއަށް އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި އެންމެ ފަހުން ލިވަޕޫލްގެ ދަނޑުގައި ކުޅެ މެންޗެސްޓަރއަށް މޮޅުވެވިފައިވަނީ 2016 އަހަރުގެ ޖެނުއަރީ މަހުއެވެ.

ލިވަޕޫލް އެންމެފަހުން ސަދެމްޓަންއާ ކުޅުނު މެޗުން ބަލިވެފައިވުމުން މިމެޗުގައި ރަގަޅު ނަތިޖާއެއް ނެރެން ބޭނުންވާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އަދި މިމެޗުން ބަލިވެއްޖެނަމަ ވެގެންދާނީ ކްލޮޕް ކޯޗު ކޮށްދޭ ޓީމެއް 2015 ވަނަ އަހަރަށް ފަހު ޖެހިޖެހިގެން ލީގު ދެމެޗުން ބަލިވާ ފުރަތަމަ ފަހަރަށެވެ. ނަމަވެސް މެންޗެސްޓަރއަށް މިސީޒަންގައި ގަދަ ހަޓީމްގެ ތެރޭގައި ހިމެނޭ އެއްވެސް ޓީމެއް ބަލިކުރެވިފައެއް ނުވެއެވެ. މިގޮތުން ދެމެޗުން އެއް ވަރު ވެފައިވާއިރު ދެމެޗުން ވަނީ ބަލިވެފައެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅޭ މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ރާއްޖޭ ގަޑިން ނުވަގަޑި ތިރީހުގައެވެ.