ކުޅިވަރު

ލޭކަރސް އާއި ޕެލިކަންސް ބައްދަލުކުރިމެޗް ލޭކާރސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި ނިއު އޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިއަދު ހެނދުނު ކުޅުނު މިމެޗް ލޭކަރސް ކާމިޔާބުކުރީ 112 ޕޮއިންޓް 95 ޕޮއިންޓުންނެވެ.

މިމެޗްގެ ފެށުން ލޭކަރސްއަށް އެހާ ރަގަޅު ނުވި ނަމަވެސް ދެވަނަ ކްއާޓަރގައި އެޓީމުންވަނީ މެޗް ގެ ލީޑު ނަގާ އެގޮތުގައި އޮވެ މެޗް ނިންމާލާފައެވެ. މިމެޗްގައި ލޭކަރސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ލެބްރޮން ޖޭމްސްއެވެ. އޭނާވަނީ އެޓީމަށް 21 ޕޮއިންޓް ހޯދާދީފައެވެ. އަދި އެންތަނީ ޑޭވިސްވަނީ އެޓީމަށް 17 ޕޮއިންޓް ހޯދާދީފައެވެ. މިމެޗްގައި ޕެލިކަންސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދާދިން ޒިއޮން ވިލިއަމްސަންއެވެ.

މި މުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް ވަރަށް ފަސޭހަ ކަމާއެކު 138 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްގެ ޕޯލް ޖޯޖުވަނީ އެޓީމަށް 26 ޕޮއިންޓް ހޯދާދީފައެވެ. އަދި މާރކަސް މޮރިސްވަނީ 18 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. މިމެޗްގައި ކިންގްސްގެ މާވިން ބެގްލީވަނީ އެޓީމަށް 20 ޕޮއިންޓް ހޯދައިދީފައެވެ.

ޔޫޓާ ޖޭޒް އާއި އެޓަލާންޓާ ހޯކްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްގެ ޑޮނޮވަން މިޗޭލް ވަނީ އެޓީމަށް 26 ޕޮއިންޓް ހޯދައިދީފައެވެ. އަދި ކިންގްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނި 20 ޕޮއިންޓް ހޯދައިދިން ކޭމް ރެޑިޝްއެވެ. އަދި އޮކްލޮހޯމާ ސިޓީ ތަންޑަރ އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް އޯވަރޓައިމް ކުޅެ 127 ޕޮއިންޓް 125 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑަރއެވެ. މިމެޗްގައި ހަތަރު ވަނަ ކްއާޓަރ ނިމުނުއިރު ދެޓީމަށް ވެސް ހޯދުނީ 118 ޕޮއިންޓެވެ. އަދި މިގޮތުން އިތުރުވަގުތުގައި ތަންޑަރވަނީ 9 ޕޮއިންޓް އިތުރަށް ހޯދާފައެވެ. ބުލްސްއަށް ހޯދުނީ 7 ޕޮއިންޓެވެ.

މިމުބާރާތުގައި މީގެއިތުރުން މިލްވައުކީ ބަކްސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 109 ޕޮއިންޓުން ބަކްސް ކުރި ހޯދިއިރު ކްލީވްލަންޑް ކެވެލިއަރސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއަރސްއެވެ.