ދުނިޔެ

މިއަހަރުގެ ތެރޭގައި ފަލަސްޠީނުގައި ދެ އިންތިޚާބެއް ބާއްވަނީ


މި އަހަރުގެ ތެރޭގައި ފަލަސްޠީނުގެ ރިޔާސީ އިންތިޚާބާއި ޤާނުނު ހަދާ މަޖިލީހުގެ އިންތިޚާބު ބާއްވާނެކަމަށް އެ ޤައުމުގެ ރައީސް މަޙްމޫދު އައްބާސް އިޢުލާނުކުރައްވައިފިއެވެ. މިއީ ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުގައި އިންތިޚާބެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ރައީސްގެ އިދާރާއިން ނެރުނު ޤަރާރެއްގައި ބުނީ ފަލަސްޠީނިއަން އޮތޯރިޓީން ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު މެއި މަހުގެ 22 ވަނަ ދުވަހުގައި ބާއްވާނެކަމަށެވެ. އަދި ޖުލައި މަހުގެ 31ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބާއްވާނެކަމަށެވެ.

ފަލަސްޠީނުގައި އެންމެ ފަހުން ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބެއް ބާއްވާފައިވަނީ 2006ވަނަ އަހަރުގައެވެ. އެ އަހަރުގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ހަމާސުންނެވެ. އެ އިންތިޙާބަށްފަހު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ނަތީޖާއެއްގެ ގޮތުން 2007ވަނަ އަހަރުގައި ހަމާސްގެ ބާރުގެ ދަށަށް ޣައްޒާ ސްޓްރިޕްވަނީ ގެންގޮސްފައެވެ. އެއާއިއެކު އިތުރު އިންތިޚާބެއް ބޭއްވުމަށް ހުރަސްތަކެއް އެޅި އިންތިޚާބުތައްވަނީ އެތައް އަހަރަކަށް ލަސްވެފައެވެ.

ރިޔާސީ އިދާރާއިން ނެރުނު ޤަރާރުގައި ބުނީ ފަލަސްޠީނުގެ ހުރިހާ ސްޓޭޓެއްގައި އިންތިޚާބު ބޭއްވުމަށް ތައްޔާރުވުމަށް އިންތިޚާބާއި ބެހޭ ކޮމިޓީއަށާއި އެހެނިހެން އިދާރާތަކަށް ރައީސް މަޙްމޫދު ޢައްބާސް އަންގަވާފައިވާކަމަށެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާއާއި އިރުމަތީ ޤުދުސްގައިވެސް އިންތިޚާބު ބޭއްވުމަށްވަނީ އަންގައިފައެވެ. އެ ޤަރާރުގައި ބުނީ 1967ވަނަ އަހަރުގެ ހަނގުރާމައިގައި އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައިވެސް ވޯޓުލުން ކުރިއަށްގެންދާނެކަމަށެވެ. ނަމަވެސް އިސްރާއީލުންވަނީ ފަލަސްޠީނިއަން އޮތޯރިޓީއާއި ގުޅުންހުރި އެއްވެސް ޙަރަކާތެއް އިރުމަތީ ޤުދުސްގައި ކުރިއަށް ގެންދިއުން މަނާކޮށްފައެވެ. ޤުދުސްގައި ވޯޓުލުން ކުރިއަށް ގެންދިޔުމަށް އިސްރާއީލުން ޙުއްދަދޭނެކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ.

ހަމާސުންވަނީ ރައީސްގެ އިޢުލާނަށް މަރުޙަބާ ކިޔާފައެވެ. އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުމުގެ މަޤުސަދުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ފާއިތުވި މަސްތަކުގައި ކޮށްފައިވާކަމަށެވެ.