ދުނިޔެ

އެމެރިކާގެ ދިހަ ސްޓޭޓަކުން ކޯވިޑްގެ އައު ވައްތަރު


އިނގިރޭސިވިލާތުން ފުރަތަމަ ފެނިފައިވާ ކޯވިޑް ވައިރަހުގެ އައު ވައްތަރު އެމެރިކާގެ ދިހަ ސްޓޭޓަކުން ފެނިފައިވާކަމަށް އެ ޤައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ސީޑީސީން ބުނެފިއެވެ.

ބީ އެކެއް ޕޮއިންޓް އެކެއް ޕޮއިންޓް ހަތެއްގެ ނަމުން ނަން ދީފައިވާ ވައިރަހުގެ އައު ވައްތަރަކީ ކުރިން ފެތުރެމުންދިޔަ ވައިރަހަށްވުރެ ފެތުރުމުގެ ބާރު ދެގުނައަށް އިތުރު ވައިރަހެކެވެ. ނަމަވެސް އެ ވައިރަހުގެ ސަބަބުން ބަލިޖެހޭ މީހުންގެ ޙާލު އިތުރަށް ގޯސްވާކަމުގެ ހެއްކެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

ސީޑީސީއިން ބުނީ މި އަހަރުގެ މާރިޗު މަހާއި ހަމައަށް ދާއިރު އެމެރިކާގައި އެންމެ ހަލުވިކޮށް ފެތުރޭނީ ވައިރަހުގެ އައު ވައްތަރުކަމަށް ބެލެވޭކަމަށެވެ. ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި ބަލީގެ އައު ވައްތަރު ފެތުރޭ މިންވަރު އިތުރުވުމަކީ ޤައުމުގައި ލިބެންހުރި ޞިއްޙީ ވަޞީލަތްތަކަށް ބާރުބޮޑުވެ، ޞިއްޙީ ފަރުވާ ދިނުމަށް ހުރަސް އެޅޭނެކަމެއްކަމަށް ސީޑީސީން ބުނެއެވެ. އެހެންކަމުން އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދޭ ސަމާލުކަން އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ސީޑީސީން ވަނީ ފާހަގަކޮށްފައެވެ. ބަލީގެ އައު ވައްތަރު ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލިފެތުރުން ހުއްޓުވުމަށް ހާޞިލްކުރަންޖެހޭ ހާޑް އިމިއުނިޓީ ޤާއިމްކުރުމަށް ވެކްސިން ދޭންޖެހޭ މީހުންގެ ނިސްބަތް އިތުރުވާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އެމެރިކާގެ ދިހަ ސްޓޭޓަކުން ކޯވިޑްގެ އައު ވައްތަރު މިހާތަނަށް ފެނިފައިވީނަމަވެސް އެމެރިކާގައި ބަލިޖެހިފައިވާ 23 މިލިއަން މީހުންގެ ތެރެއިން އައު ވައްތަރުގެ ސަބަބުން ބަލިޖެހިފައިވަނީ އެންމެ 76 މީހުންނަށެވެ. ނަމަވެސް މިހާރު ދެނެގަނެވިފައިވާ ކޭސްތަކަށްވުރެ އިތުރު ކޭސްތައް ޤައުމުގެ އެކި ސަރަޙައްދުތަކުގައި ހުރުމަކީ އެކަށީގެންވާކަމެއްކަމަށް ސީޑީސީގެ ސައިންސްވެރިން ބުނެއެވެ.