ކުޅިވަރު

ލާޒިއޯ އާއި ރޯމާ ބައްދަލުކުރިމެޗް ލާޒިއޯ ކާމިޔާބުކޮށްފި


އިޓާލިއަން ސެރިއާގައި ލާޒިއޯ އާއި އޭއެސް ރޯމާ ބައްދަލުކުރި މެޗް ލާޒިއޯ ކާމިޔާބުކޮށްފިއެވެ. އިޓަލީގެ ވެރިރަށް ރޯމްއަށް ނިސްބަތްވާ މިދެ ކްލަބްގެ ވާދަވެރި ކުރިމަތިލުން ލާޒިއޯ ކާމިޔާބުކުރީ ހީކުރިގޮތާ ހިލާފަށް ވަރަށް ފަސޭހަ ކަމާއެކު 3 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހައިދިނީ ލާޒިއޯގެ ތަޖްރިބާކާރު ފޯވަޑް ސީރޯ އިމޮބްލިއޭއެވެ. މިލަނޑު އޭނާ ޖަހައިފައިވަނީ މެނުއަލް ލަޒާރީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މިމެޗްގައި ލާޒިއޯއިން ޖެހި ދެވަނަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހައިދިނީ އެޓީމުގެ ލުއިސް އާލްބާޓޯއެވެ. އަދި ފަހު ލަނޑު މެޗުގެ 67 ވަނަ މިނެޓްގައި ޖަހާދިނީ ވެސް ލުއިސް އަލްބާޓޯއެވެ.

މިކާމިޔާބީއާއެކު ލާޒިއޯ މިހާރު އުޅެނީ ކުޅުނު 18 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ. އަދި ރޯމާ އޮތީ 18 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. ނަމަވެސް މާދަމާ ރޭ ދަންވަރު އެންމެފަހުގެ ޗެމްޕިއަން ޔުވެންޓާސްއާއި މިވަގުތު ތާވަލްގެ ދެވަނައިގައި އުޅޭ އިންޓަރ މިލާން ބައްދަލުކުރާ މެޗު ޔޫވެންޓާސް ކާމިޔާބުކޮށްފިނަމަ އެޓީމް ތިންވަނައަށް ކުރިއަށް ޖެހިލާނެއެވެ.