ކުޅިވަރު

ސައިކަލް ދުއްވުންތެރިޔާ ޗަރޕިން މަރުވެއްޖެ


މިއަހަރުގެ ޑަކާ ރެލީގައި ވާދަކުރަނިކޮށް ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ފަރަންސޭސިވިލާތުގެ ސައިކަލް ދުއްވުންތެރިޔާ ޕިއޭ ޗަރޕިން މަރުވެއްޖެއެވެ. ޑާކާ ރެލީ އިންތިޒާމް ކުރާ ފަރާތުން ހާމަކުރިގޮތުގައި ޗަރޕިން މަރުވެފައިވަނީ ސައުދީ އަރަބިއާގެ ޖިއްދާއިން ފަރަންސޭސިވިލާތަށް ގެންދިޔަ މަގުމަތީގައެވެ.

އުމުރުން 52 އަހަރުގެ ޗަރޕިންއަށް އަނިޔާ ވެފައިވަނީ ޑާކާ ރެލީގެ ހަތްވަނަ ސްޓޭޖްގައި ހިނގި އެކްސިޑެންޓެއްގައި ކަމަށް ވެއެވެ. އަދި ވަގުތުން ޖިއްދާ ހޮސްޕިޓަލަށް ގެންދެވި އޭނާއަށް ފަރުވާ ދޭން ފެށިފައިވެއެވެ. މިގޮތުން ވަގުތުން ނިއުރޯސަރޖަރީއެއް ކުރެވި އޭނާ ބާއްވާފައިއޮތީ އިންޑިއުސް ކޯމާއެއްގައި ކަމަށް މުބާރާތް އިންތިޒާމް ކުރި ފަރާތުން ހާމަކުރެއެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ ޑާކާ ރެލީގެ މިދިޔަ އަހަރުގެ ރެލީގައި ދެމީހުންވަނީ މަރުވެފައެވެ. މިގޮތުން މިދިޔަ އަހަރު ސައިކަލް ދެ ދުއްވުން ތެރިން ކަމަށްވާ ޕޯޗުގަލްގެ ޕައުލޯ ގޮންކަލްވޭސް އާއި ނެދަލަންޑްސްގެ އެޑްވިން ސްޓްރަވަރ ވަނީ މަރުވެފައެވެ.
މިއަހަރުގެ ރެލީ އިއްޔެވަނީ ނިމިފައެވެ. މިގޮތުން ކާރުރޭސް ބައިން އެއްވަނަ ހޯދީ ފަރަންސޭސިވިލާތުގެ ސްޓެފަން ޕީޓަރހެންސެލްއެވެ. އަދި ސައިކަލް ރޭސް ބައިން އެއްވަނަ ލިބުނީ އާޖެންޓީނާގެ ކެވިން ބެނަވިޑޭސްއަށެވެ.