ކުޅިވަރު

ޑަރބީ ކައުންޓީގެ ކޯޗު ކަމާއި ރަސްމީކޮށް ރޫނީ ހަވާލުވެއްޖެ


އިންގްލަންޑްގެ އެންމެ ކާމިޔާބު އެއް ފޯވަޑް ކަމަށްވާ ވޭން ރޫނީ ކުޅުން ހުއްޓާލާ ޑަރބީ ކައުންޓީގެ ކޯޗު ކަމާއި ރަސްމީކޮށް ހަވާލުވެއްޖެއެވެ. މަޢުލޫމާތު ލިބޭގޮތުގައި ރޫނީ ޑަރބީގެ ކޯޗުކަމާއި ހަވާލުވީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން 2023 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ.

ޑާރބީގެ ކޯޗުކަމުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ނެދަލަންޑްސްގެ ފިލިޕް ކޮކޫ ވަކިކުރިފަހުން ރޫނީ އަންނަނީ އެޓީމްގެ ކޯޗުކަން ވަގުތީ ގޮތުން ކުރަމުންނެވެ. އަދި ޗެމްޕިއަންޝިޕް ތާވަލްގެ 22 ވަނައިގާ މިވަގުތު އޮތް ޑަރބީވަނީ ރޫނީ އެޓީމާ ވަގުތީ ގޮތުން ހަވާލުވިފަހުން ހޯދަމުންދާ ނަތީޖާތައް ރަގަޅުކޮށްފައެވެ. މިގޮތުން މިހާތަނަށް ކުޅުނު 9 މެޗްގެ ތެރެއިން ބަލިވެފައިވަނީ ދެމެޗުންނެވެ. އަދި ފަސް މެޗުގައި ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.

މިދިޔަ ސީޒަންގައި ކުޅުންތެރިއެއްގެ އިތުރުން ކޯޗިންގ ޓީމާއެކު މަސައްކަތް ކުރާގޮތަށް ޑަރބީއާ ގުޅުނު ރޫނީ ކުޅެން ފައްޓާފައިވަނީ އެވަޓަންއިންނެވެ. އަދި ގިނަ ބައެއްގެ ލޮލުގައި ރޫނީ އަޅައިގަތީ އުމުރުން 16 އަހަރުގައި އެވަޓަން އާއި އާސެނަލް ބައްދަލުކުރިމެޗެއްގައި ޖަހާދީފައިވާ މޮޅު ލަނޑުންނެވެ. އަދި މާގިނަ ދުވަސް ތަކެއް ނުވެ އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ގެންގޮސްފައެވެ. މެންޗެސްޓަރ ގައި އޭނާ ހޭދަކުރި 13 އަހަރުގައި ރުނީ ވަނީ އެޓީމަށް 253 ލަނޑު ޖަހާދީ އިންގްލިޝް ޕްރިމިއަރ ލީގުގެ ތަށި ފަސް ފަހަރަށް އުފުލައިލާފައެވެ. އަދި ޗެމްޕިއަންސް ލީގުގެ ތަށިވެސް ރޫނީވަނީ މެންޗެސްޓަރ އާއެކު ހޯދާފައެވެ. އިންގްލަންޑް ޓީމަށް 120 މެޗް ކުޅެދީފައިވާ ރޫނީއަކީ އިންގްލަންޑް ޓީމަށް އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އޭނާވަނީ އިންގްލަންޑްގެ ޖަރޒީގައި 53 ލަނޑު ޖަހާދީފައެވެ.

ޑަރބީގެ ކޯޗް ކަމާއި ރަސްމީކޮށް ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ރޫނީ ހާމަކުރިގޮތުގައި ޑަރބީ އަލުން ކާމިޔާބު ޓީމަކަށް ހެދުމަށްޓަކައި ކުރަންޖެހުނު ހުރިހާ މަސައްކަތެއް އޭނާ ކުރާނެކަމަށެވެ. އަދި އަބަދުވެސް ވަރަށް ކުޅެން ބޭނުންވާނެކަމަށާއި ނަމަވެސް ކުޅުނު އިރު ފާހަގަކޮށްލެވޭ ކްލަބްތަކަކަށް ކުޅެވިފައިވާތީ ހިތްހަމަޖެހޭ ކަމަށެވެ. މިގޮތުން ރޫނީ ހާމަކުރިގޮތުގައި އެވަޓަންއަށް ކުޅުމަކީ ކުޑައިރުގެ ހުވަފެނެއް ކަމަށާއި އަދި ދުނިޔޭގެ އެންމެ ކާމިޔާބު އެއް ޓީމް ކަމަށްވާ މެންޗެސްޓަރއަށް އެހާ ގިނަ ދުވަހު ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދިފައިވާތީ އުފާ ވާކަމަށެވެ. ޑަރބީގެ ކޯޗްކަމާއި ރުނީ ރަސްމީކޮށް ހަވާލުވުމަށްފަހު އެޓީމް ކުޅޭ ފުރަތަމަ މެޗްގައި މިރޭ ބައްދަލުކުރާނީ ތާވަލްގެ 23 ވަނައިގާ އޮތް ރޮދަރހަމްއާއެވެ.