ދުނިޔެ

އިނގިރޭސިވިލާތުގެ އިޤްތިޞާދު އިނދަޖެހުމުގެ މަގުމަތީގައި!


ކޯވިޑްގެ ސަބަބުން އިނގިރޭސިވިލާތުގެ އިޤްތިޞާދު އިނދަޖެހުމުގެ ފުރުޞަތު އޮތްކަމަށް ކަމާއިބެހޭ މާހިރުން ފާހަގަކޮށްފިއެވެ.
ޖަނަވަރީ މަހުގެ 14ވަނަ ދުވަހުގައި އާންމުކޮށްފައިވާ އިނގިރޭސިވިލާތުގެ އިޤްތިޞާދީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގައި އެ ޤައުމުގެ އިޤްތިޞާދަށްވަނީ 2.6 އިންސައްތައިގެ ހީނަރުކަމެއް އައިސްފައެވެ. އެ ދުވަސްވަރަކީ ކޯވިޑާއި ގުޅިގެން އެ ޤައުމު ދެވަނަ ފަހަރަށް ފުރަބަންދުކޮށްފައި އޮތް ދުވަސްވަރެވެ.

އިނގިރޭސިވިލާތުގެ ދަ އޮފިސް ފޮރ ނޭޝަނަލް ސްޓެޓިސްޓިކްސް، އޯއެންއެސް އިން ބުނީ އިޤްތިޞާދަށް އައި ހީނަރުކަމުގެ ސަބަބުން، ކޯވިޑްގެ ކުރިން ޤައުމުގެ އިޤްތިޞާދު އޮތް މިންވަރުވަނީ 8.5 އިންސައްތަ ދަށަށް ގޮސްފައިކަމަށެވެ. މިދިޔަ އަހަރުގެ ކުރީ ކޮޅުގައި އިނގިރޭސިވިލާތަށް ކޯވިޑް ފޯރުމުން، އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި އެ ޤައުމުގެ އިޤްތިޞާދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އޭގެ ފަހުން އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއިއެކު އިޤްތިޞާދުވަނީ އަނެއްކާވެސް ކޮންމެވެސް ވަރަކަށް ރަނގަޅުވާން ފަށައިފައެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި އަނެއްކާވެސް ޤައުމުގެ ޙާލަތު ގޯސްވެ، އިޤްތިޞާދު ހީނަރުވުމާއިއެކު އަހަރުގެ ފަހު ތިން މަހުގައި އަނެއްކާވެސް އިޤްތިޞާދަށް ހީނަރުކަމެއް އައިސްފާވާނެކަމަށް މާހިރުން ޤަބޫލުކުރެއެވެ. ކޯވިޑްގެ އައު ވައްތަރެއް އިނގިރޭސިވިލާތުގައި ފެތުރޭތީ މި އަހަރު ފެށުން އިރު އެ ޤައުމުގައިވަނީ ކުރިއަށްވުރެ ހަރުކަށި ފުރަބަންދެއް އިޢުލާނުކޮށްފައެވެ. އެއާއިއެކު މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އިޤްތިޞާދަށް އަނެއްކާވެސް ބޮޑު ލޮޅުމެއް އަންނާނެކަމަށް ބެލެވެއެވެ. އޭގެ މާނައަކީ ޖެހިޖެހިގެން ދެ ކުއާޓާގައި އިނގިރޭސިވިލާތުގެ އިޤްތިޞާދު ހީނަރުވެފައިވުމެވެ. އެއީ އިޤްތިޞާދު އިނދަޖެހުންކަމަށް ބަލައި މައިގަނޑު އަސާސެވެ.

އިނގިރޭސިވިލާތުގެ މާލީ ވަޒީރު ރިޝީ ސުނަކް ވިދާޅުވީ ޤައުމުގެ ޙާލަތު ރަނގަޅުވުމުގެ ކުރިން ޙާލަތު ގޯސްވާނެކަން ޤަބޫލުކުރަންޖެހޭކަމަށެވެ. ތަފާސްހިސާބުތަކުން މިހާރު ފެންނަ ޢަދަދުތަކުން ދައްކުވައިދެނީ ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމުގެ ބޮޑުކަންކަމަށް އޭނާ ވިދާޅުވިއެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިޤްތިޞާދު ހީނަރުވެފައިވަނީ ކަމާއިބެހޭ ބައެއް މާހިރުން ޙާލަތު ގޯސްވާނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ ކުޑަކޮށެވެ. އެއީ ވިޔަފާރިތަކުގެ ދޮރުތައް ބަންދުކުރަން ޖެހުނުކަމުގައި ވިޔަސް އިންޓަނެޓު މެދުވެރިކޮށް ވިޔަފާރިކުރާނެ ގޮތްތައް ވިޔަފާރިތަކުން ހޯދަމުންދާކަމުގެ ނިޝާނެކެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ ސާވިސް ދާއިރާއަށެވެ. އެ ދާއިރާގެ ގިނަ ވިޔަފާރިތަކެއް ބަންދުކުރުމަށް މަޖުބޫރުވުމުގެ ސަބަބުން 3.4 އިންސައްތައިގެ ހީނަރުކަމެއް ދާއިރާއަށްވަނީ ލިބިފައެވެ. 2020ވަނަ އަހަރުގެ ފެބްރުއަރީ މަހާއި އަޅައިބަލާއިރު 9.9 އިންސައްތައިގެ ހީނަރުކަމެއް އެ ދާއިރާއަށްވަނީ އައިސްފައެވެ.

އޯއެންއެސްގެ ޑިރެކްޓަރެއްކަމަށްވާ ޑެރެން މޯގަން ވިދާޅުވީ ނޮވެމްބަރު މަހުގެ ތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ އައު ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ކެފޭތަކާއި ސެލޫންތަކަށެވެ. ނަމަވެސް ކުރިމަތިވެފައިވާ ޙާލަތަށް ހޭނި، މަސައްކަތް ކުރާ ގޮތަށް ގިނަ ވިޔަފާރިތަކުން ބަދަލުގެނެސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިނގިރޭސިވިލާތުގައި މިހާރު ކޯވިޑް ވެކްސިން ދޭން ފަށާފައިވާއިރު ވެކްސިންގެ ސަބަބުން ބަލިމަޑުކަމުގެ ޙާލަތު ރަނގަޅުވެ އިޤުތިޞާދު ރަނގަޅުވާނެކަމަށް އުންމީދުކުރެވެއެވެ. އިޤްތިޞާދީ މާހިރެއްކަމަށްވާ ޖޭމްސް ސްމިތު ވިދާޅުވީ ޖެހިޖެހިގެން ދެ ކުއާޓާއަށް ޤައުމުގެ އިޤްތިޞާދު ހީނަރުވި ނަމަވެސް ވެކްސިންގެ ސަބަބުން ލިބޭ ކުރިއެރުންތަކާއިއެކު ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވުމަކީ މި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަށް ވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.