ޚަބަރު

"ޤައުމުގެ ދުލުން" ލަވަ މުބާރާތުގެ އެއްވަނައަށް ޖޫނީ ޖިނާހް


"ޤައުމުގެ ދުލުން" މި ނަމުގައި ބޭއްވި ޤައުމީ ލަވަ މުބާރާތުގެ އެއްވަނަ ޖޫނީ ޖިނާހް ހޯދައިފިއެވެ. މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ (އެމް.އެމް.އޭ.ސީ)އިން ކުރިއަށްގެންދިޔަ މި މުބާރާތުގައި 48 ބައިވެރިޔަކު ލަވަ ހުށަހަޅައިދީފައިވެއެވެ.

"ޤައުމުގެ ދުލުން" މި ލަވަ މުބާރާތުގެ އެއްވަނަ ޖޫނީ ޖިނާހް ހޯދާފައިވާއިރު އޭނާ ވަނީ ސީނިއާ ގުރޫޕުން 1 ވަނަ، 16 އަހަރުން ދަށުން 1 ވަނަ، މުޅި މުބާރާތުން އަމިއްލަ ރާގުގެ ބައިން 1 ވަނަ، ސީނިއާ ގުރޫޕުން އަމިއްލަ ރާގުގެ ބައިން 1 ވަނަ އަދި ޅެންވެރިކަމުން ސީނިއާ ގުރޫޕުން 2 ވަނަ ހޯދާފައެވެ. މުޅި މުބާރާތުގެ 2 ވަނަ ހޯދާފައިވަނީ އައިޝަތު އާލާ ޙަސަން އެވެ. މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ އައިޝަތު ޒާޔާ ޝަހީމެވެ. މި މުބާރާތުގައި 24 ބައިވެރިންވަނީ އެކި ވަނަތައް ހާސިލްކޮށްފައެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 8 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާތަކަށް ހުޅުވާލައިގެންނެވެ.

އެމްއެމްއޭސީން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ޖަޖުންގެ ގޮތުގައި މިއަހަރު ތިއްބެވީ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާއާއި، އަބްދުއްސަމީއު އަބްދުލްޣަފޫރުގެ އިތުރުން މަޖީދު އިސްމާއިލެވެ.

"ޤައުމުގެ ދުލުން" ލަވަ މުބާރާތުގައި އަމިއްލަ ރާގުގެ އެންމެ މޮޅު ލަވަވެސް ވަނީ ހޮވާފައެވެ. ޖޫނިއަރ ކެޓަގަރީއިން އެންމެ މޮޅު އަމިއްލަ ރާގުގެ ލަވަކީ ބައިވެރިއަކަށް ހޮވިފައިވަނީ އައިޝަތު އާލާ ހުސެއިނެވެ. އަދި ސީނިއަރ ކެޓަގަރީއިން އެންމެ މޮޅު އަމިއްލަ ރާގުގެ ލަވަކީ ބައިވެރިއަކަށް ހޮވިފައިވަނީ މުޅި މުބާރާތުގެ އެއްވަނަ ވެސް ހާސިލްކުރި އައިޝަތު ޖޫނީ ޖިނާހެވެ.

އެކި އުމުރުފުރާތަކުން، ކޮންމެ އުމުރުފުރާއަކުން އެއްވަނަ ދެވަނަ ތިންވަނަ ޙާސިލްކުރި ބައިވެރިންނަށް ވަނީ އިނާމާއި ހަނަދާނީ ލިޔުންދީފައެވެ. މީގެ އިތުރުން ވަނަ ހޮވާފަވާ ދާއިރާތަކުގެ ތެރޭގައި ޅެންވެރިކަމުގެ އެންމެ މޮޅު ލަވަވެސް ވަނީ ހޮވާފައެވެ. ޖޫނިއަރ އަދި ސީނިއަރ ދެ ކެޓަގަރީއިން ކޮންމެ ކެޓަގަރީއަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ވަނީ ހޮވާފައެވެ. ޅެންވެރިކަމުގެ ގޮތުން އެންމެ މޮޅު ލަވައަކަށް ޖޫނިއަރ ކެޓަގަރީއިން ހޮވިފައިވަނީ ސާޔާ އަޙްމަދު މުސާއިދެވެ. އަދި ސީނިއަރ ކެޓަގަރީއިން އެއްވަނަ ހޯދާފައިވަނީ އައިޝަތު އިބާއެވެ.

ޖަޖުންގެ އިތުރުން ބެލުންތެރިންގެ އެސްއެމްއެސްއިން އެންމެ މަގުބޫލު ލަވަކިޔުންތެރިއަކުވެސް ވަނީ ހޮވާފައެވެ. އެސްއެމްއެސްކުރި ފަރާތްތަކުގެ މެދުގައި އެންމެ މަގުބޫލު ލަވަކިޔުންތެރިއަކަށް އެންމެ ގިނަ އެސްއެމްއެސް ލިބިގެން ހޮވިފައިވަނީ ލިޔާ މައުމޫނެވެ. ދެވަނައަށް ހޮވިފައިވަނީ އައިޝަތު އިބާއެވެ. އަދި ތިންވަނައަށް ހޮވިފައިވަނީ އަޖްނާ ފާރިޒް ނިޒާރެވެ.

މުބާރާތުގެ ނަތީޖާ ފާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭސީގެ ޗެއަރމަން ޢަލީ އަބްދުލްކަރީމް ވިދާޅުވީ ކުރިޔަށް އޮތްތާ މިފަދަ މުބާރާތްތައް ބޭއްވުމުގެ ޝައުގުވެރިކަން އެބައޮތްކަމަށެވެ.

"ސްކޫލް ދަރިވަރުންނާއި ޒުވާނުން ޝާމިލްވާ މިފަދަ ފަންނީ ޝޯވތައް ބޭއްވުމަށް އިހުނަށްވުރެ ބޮޑަށް އެމްއެމްއޭސީއަށް އެހީތެރިކަން ފޯރުކޮށްދެއްވުން އެދެން. ދަރިވަރުންނާއި ޒުވާނުންގެ ހުށަހެޅުންތައް ތަމްރީނުކުރާނެ ސްކޫލް ހޯލްފަދަ ޚިދުމަތްތަކާއި ވަސީލަތްތައް ޤާއިމްކުރުމުގައި އިތުރަށް އެހީތެރިވެދެއްވުން އެދެން. ތިޔަޓްރިކަލް ޑްރާމާ ދަސްކޮށްދޭ އޮޑިޓޯރިއަމް ފަދަ ޚިދުމަތްތައް ޤާއިމްކޮށް އެކަންކަމަށް އަޅުގަނޑުމެންނަށް އެހީތެރިވެދެއްވުން އެދެން." އަލީ އަބްދުލްކަރީމް ވިދާޅުވިއެވެ.

"ޤައުމުގެ ދުލުން" ލަވަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައިވަނީ އެމްއެމްއޭސީން ކުރިޔަށްގެންދާ މަދަހަ ރަން އަޑު 2ގައި ބައިވެރިވުމުގެ މުއްދަތުވެސް އިތުރުކޮށްފައެވެ. ކުރިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ގެ ނިޔަލަށް ނަމަވެސް މިހާރު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލައިފާ ވާކަމަށް އެމްއެމްއޭސީން ވަނީ އިއުލާންކޮށްފައެވެ.