އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ހިއުސްޓަން ރޮކެޓްސްއަށް ކުޅެމުންދާ ތަޖްރިބާކާރު ކުޅުންތެރިޔާ ޖޭމްސް ހާޑެން ބްރޫކްލިން ނެޓްސްއާ ގުޅިއްޖެއެވެ.
އެންބީއޭ ގެ ވޭތުވެދިޔަ ތިން ސީޒަންގައިވެސް އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ހާޑެން ނެޓްސް އާ މިގުޅުނީ ތިން ކްލަބެއްގެ މެދުގައި ވެވުނު އެއްބަސް ވުމަކަށްފަހުއެވެ. 2018 ވަނަ އަހަރުގެ އެންބީއޭ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ އަދި އަށްފަހަރު އޯލް ސްޓަރ ޓީމުގައި ހިމެނިފައިވާ ހާޑެން ޓީމް ބަދަލު ކުރަން ބޭނުން ވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ތިން ކްލަބެއްގެ މެދުގައި މިވީ އެއްބަސްވުމުގައި ދެން ހިމެނެނީ ކްލީވްލަންޑް ކެވެލިއަރސްއެވެ. މިގޮތުން މިވީ އެއްބަސްވުމުގެ ދަށުން ބްރޫކްލިންގެ ސެންޓަރ ޖެރެޓް އެލެން އާއި ފޯވަޑް ޓައުރީން ޕްރިންސްް ކްލީވްލަންޑަށް ބަދަލުވާއިރު އެޓީމްގެ ގާޑް ކްރިސް ލެވަރޓް އަދި ފޯވަޑް ރޮޑިއޯންސް ކުރުކްސް ދިއުމަށް ހަމަޖެހިފައިވަނީ ހިއުސްޓަންއަށެވެ. އަދި ކްލީވްލަންޑްގެ ގާޑް ޑަންޓޭ އެޒުމް ހިއުސްޓަންއަށް ބަދަލުވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ހާޑެން ވަނީ ފަހަކަށް އައިސް ހިއުސްޓަން ރޮކެޓްސްއިން ދައްކަމުންދާ ކުޅުމާމެދު ހިތްހަމަ ނުޖެހިފައެވެ. އަދި މިބަދަލު ނެސްފައިމިވަނީ އެލްއޭ ލޭކަރސްއާ ބައްދަލުކޮށް ރޮކެޓްސް ބަލިވި މެޗަށްފަހު އަމިއްލަ ޓީމްގެ ކުޅުންތެރިން ދެއްކި ކުޅުމަށް ހާޑެން ފާޑު ކީތާ އެއްދުވަސް ފަހުންނެވެ. އަދި ބުދަ ދުވަހު އޮތް ރޮކެޓްސްގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވުމަށް ހާޑެންއަށް އެޓީމުން އަންގާފައިވެއެވެ. ލޭކަރސް މެޗަށްފަހު ހާޑެންވަނީ މިސީޒަންގައި މުބާރާތް ކާމިޔާބު ކުރުމަށް ވާދަކުރާ ފެންވަރު ހިއުސްޓަން ޓީމްގައި ނެތްކަމަށް ބުނެފައެވެ. ހިއުސްޓަން މިހާރު އޮތީ 15 ޓީމް ހިމެނޭ ވެސްޓަން ކޮންފަރެންސްގެ 14 ވަނައިގައެވެ. އަދި މިސީޒަންގައި މިހާތަނަށް މޮޅުވެފައިވަނީ ތިން މެޗުން ނެވެ.
ބްރޫކްލިންއަށް ބަދަލުވުމުން އޮކްލަހޯމާ ސިޓީ ތަންޑަރގައި ކުރިން އެއްކޮށް ކުޅުނު ކެވިން ޑުރާންޓާއި އެއްކޮށް ކުޅުމުގެ ފުރުސަތު އަނެއްކާވެސް މިވަނީ ހާޑެންއަށް ލިބިގެން ގޮސްފައެވެ.