ޚަބަރު

ރައީސް އޮފީހުގެ އައު ތަރުޖަމާނާއެކު އުންމީދީ އައު ބަދަލެއް

ޢާއްމުންގެ ތެރޭގައި މުޙައްމަދު މަބްރޫކް ޢަޒީޒް މަޤުބޫލުވެގެން ދިޔައީ ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން އުފެއްދެވި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް އޭނާ ހަމަޖެއްސެވުމާއެކުއެވެ. އެންއީއޯސީން މަސައްކަތް ކުރި މުއްދަތުގައި މަބްރޫކް ވަނީ ދިވެހި ރައްޔިތުންގެ ހިތްތަކުން ޚާއްސަ މަޤާމެއް ހޯއްދަވާފައެވެ.

އޭރު އެންއީއޯސީއިން ކޮންމެ ރެޔަކު ބާއްވަމުންދިޔަ ނޫސްވެރިންގެ ބައްދަލުވުމަށް އެތައް ބަޔަކު ވަގުތު ހުސްކޮށް އިންތިޒާރުކުރަމުންއައީ މަބްރޫކްގެ ސަބަބުންނެވެ. ސަރުކާރުން އެންއީއޯސީ އުވާލައި އެޗްއީއޯސީއަށް ބަދަލުކުރުމާއެކު ނޫސްވެރިންގެ ބައްދަލުވުންތަކުން މަބްރޫކް ފެނިގެންނުދާތީ އެބައްދަލުވުންތައް ފަޅުކަން ފާހަގަ ކުރައްވާ ޝުޢޫރުފާޅުކުރި މީހުންގެ ޢަދަދުވެސް ވަރަށް ގިނައެވެ.

މީޑިއާއާއި ގާތް ގުޅުމެއް ބާއްވަމުން އައި މަބްރޫކް އަނެއްކާވެސް ކުރިއަށްވުރެ ބޮޑަށް މީޑިއާއާއި ގާތްވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަކަށް މިމަހުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާއެކުއެވެ. މިއާއެކު މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުންނާއި ޢާންމުނަށްވެސް ޤަބޫލުކުރެވިގެން ދިޔައީ ދައުލަތުގެ ކަންކަން ރައްޔިތުންނާއި ހަމައަށް ވާސިލްކޮށްދިނުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

ތާރީޚީ ބަދަލެއް

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް އައްޔަންކުރެއްވުމާއެކު އޭނާ މިވަނީ ތާރީޚީ ނިންމުންތަކެއް ނިންމަވާފައެވެ.

މީޑިއާތަކާއި އާންމުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތްތަކާގުޅޭގޮތުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައި މަބްރޫކް ވަނީ މިއަދު މަޝްވަރާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި މުހިންމު ކަންކަން މަބްރޫކުވަނީ ޓުވީޓުގައި ހިމަނުއްވާފައެވެ.

އެގޮތުން މީޑިއާއާއި ނޫސްވެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މަޝްވަރާކުރެއްވުމަށްފަހު މަބްރޫކް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަރުދަނާކޮށް އިތުރަށް ކުރިއެރުވައި މީޑިއާއަށް މައުލޫމާތު ފޯރުކޮށްދިނުން މިހާރަށްވުރެ ފަސޭހަކުރުމާއިގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.

އަދި އަންނަ މަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ހުރިހާ މީޑީއާ ތަކުންވެސް އެކަމަށް ޚާއްސަ ނޫސްވެރިން ކަނޑައަޅައި ޕްރެސް ޓީމެއް އެކުލަވާލަން ނިންމާފައިވާކަންވެސް މަބްރޫކް ވަނީ ހާމަކުރައްވާފައެވެ.

އަންނަ މަހުން ފެށިގެން ސިލްސިލާ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީޑިއާއާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމަށް ނިންމަވާފައިވާއިރު، މިއީ ރައީސް އޮފީހުގެ ތާރީޚްގައިވެސް ސިލްސިލާ ގޮތެއްގައި މީޑިއާއަށް މަޢުލޫމާތު ދެއްވުމަށް ނިންމެވި ފުރަތަމަ ފަހަރެވެ.

ދާއިމީގޮތެއްގައި ސިލްސިލާ މީޑިއާ ބައްދަލުވުންތަކެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވުމަށް ނިންމެވި ތާރީޚީ ނިންމެވުމަކީ މަބްރޫކް ރައީސް އޮފީހުގެ ތަރުޖަމާނަކަށް ވަޑައިގެން ނިންމެވި ނިންމެވުމެކެވެ. މިއާއެކު ޢާންމުންނާއި މީޑިއާއިން ބޭނުންވާ މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެކަމާމެދު ކުރާ އުންމީދުވަނީ ބޮޑުވެގެން ގޮސްފައެވެ. އެއީ ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް މަބްރޫކް އައްޔަންކުރައްވައިފިނަމަ އެއީ ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެއްކަމުގައި މީގެކުރިން ނޫސްވެރިންގެ މެދުގައިވެސް ވާހަކަދެކެވިފައިވާތީއެވެ.

ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެގެން އައިދުވަސްވަރު، މަބްރޫކް މަސައްކަތްކުރެއްވީ ނޫސްވެރިންނާއެކު އެއް ޓީމެއްގެގޮތުގައި މިޙާލަތުން އަރައިގަތުމަށެވެ. ނޫސްވެރިން ކުރި އެތައް ސުވާލަކަށް އެއްވެސް ފޫހިކަމެއް ނުތަނަވަސްކަމެއް ނެތި ކެތްތެރިކަމާއެކު ޖަވާބުދެއްވާފައިވާތީއެވެ. ކިތަންމެ އުނދަގޫ ސުވާލެއް ކުރިމަތިކުރިޔަސް، އަދި ކިތަންމެ ރުޅިވެރިކަމާއެކު ސުވާލުކުރިއަސް މަބްރޫކުގެ ކިބައިން ފެނިގެންދިޔައީ އެއް ރޫޙެކެވެ. މިއީ ޢާއްމުކޮށް ރާއްޖޭގެ އެއްވެސް ދާއިރާއެއްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަން ކަނޑައަޅާފައިވާ ބޭފުޅެއްގެ ކިބައިން ޢާއްމުކޮށް ފެންނަ ސިފައެއް ނޫނެވެ. ނަތީޖާއަށް ވެގެން ދިޔައީ ނޫސްވެރިންނާއި ޢާއްމުންގެ މެދުގައިވެސް މަބްރޫކުގެ މަޤުބޫލުކަން ބޮޑުވެގެން ދިއުމެވެ.

އެހެންކަމުން ރައީސް އޮފީހުގެ ތަރުޖަމާނަކށް މަބްރޫކް ހުންނެވުމަކީ ނޫސްވެރިންނާއި ޢާއްމުންނަށްވެސް ލިބިގެންދާނެ އުފަލަކަށް ވާނެއެވެ. އައު ބަދަލާއެކު ރައްޔިތުންނާ ސަރުކާރާ ގުޅުވައިދޭ ފާލަމަކަށް ހަޤީޤީ މާނައިގާ މިޑިއާ ވެގެންދާނެއެވެ.