ޚަބަރު

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ 2 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ


ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ދެ ޤާޟީއެއްގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ސުލޫކީ މައްސަލަ ބެލުމަށް ކޮމިޓީ އެކުލަވާލާފައިވަނީ، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރިޔަމް ވަޙީދާއި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް މުޙައްމަދު ސަމީރުގެ މައްސަލަތަކެއް ފާހަގަވެގެންކަމަށެވެ.

ސިވިލް ކޯޓުގެ ޤާޟީ މަރިޔަމް ވަޙީދުގެ މައްސަލައެއް ބަލަން ނިންމާފައިވަނީ ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ތަންފީޛު ޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމަކާ އެޤަޟިއްޔާއާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން މުޢާމަލާތުކޮށް، ޙުކުމް ތަންފީޛު މައްސަލަތައް ބެލުމުގައި ޢަމަލުކުރާ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ޤާޟީ މަރްޔަމް ވަޙީދު ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލައެއްގައިކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

އަދި ޤާޟީ އަލްއުސްތާޛް މުޙައްމަދު ސަމީރު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ އަޑުއެހުމެއްގައި، ޤާނޫނީ ގޮތުން ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުގެ އެކަށީގެންވާ ފުރުޞަތު ދަޢުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންނަށް ނުލިބޭފަދަ ގޮތަކަށް ޢަމަލުކުރައްވައި، ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންދިއުމުގައި އެކަށީގެންނުވާގޮތަށް ޢަމަލުތައް ބެހެއްޓިކަމަށް ބުނާ މައްސަލައެއް ފާހަގަކުރެވިފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.

މީގެއިތުރުން އެޤަޟިއްޔާގެ އެހެން އަޑުއެހުމެއްގައި ދަޢުވާލިބޭ ފަރާތުގެ ޤަނޫނީ ވަކީލުން ކުށްވެރިކުރާފަދަ ގޮތަކަށް ވާހަކަދައްކައި އަދި އެވަކީލުންނާމެދު ތަޢައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ޤާޟީ އަލްއުސްތާޛް މުޙައްމަދު ސަމީރު ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަވެސް ބަލަން ޖޭއެސްސިންވަނީ ނިންމާފައެވެ.

މި ދެފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަ ތަޙްޤީޤުކުރުމަށް އެ ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމެޓީން ނިންމާފައިވާތީ ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.