ކުޅިވަރު

ފްރީގައިޒް ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީއަށް ފިސްޑާ


ފުވައްމުލަކުގައި މިހާރު ކުރިއަށްދާ ފްރީގައިޒް ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީފައިނަލުން ފިސްޑާ ޖާގަ ހޯދައިފިއެވެ. ޤައުމީ ޓީމްގެ އަހުމަދު އަބުދުލްކަރީމާއި މުޙައްމަދު ޝާއިން ހިމެނޭ ފިސްޑާ ތިންވަނަ ސެމީން ޖާގަ ހޯދީ މިރޭ ކުޅުނު ދެވަނަ ސެމީފައިނަލްގައި ދަޑިމަގު ހުދު ކެޑެ ސީދާ 3 ސެޓުން ބަލިކޮށްގެންނެވެ.ފިސްޑާ މެޗުގެ ސެޓްތައް ގެންދިޔައީ 25-12، 25-10، އަދި 25-14 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މުޙައްމަދު ޝާއިންއެވެ. މިމެޗުން ބަލިވުމުން ދަޑިމަގު ހުދުކެޑެ ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުން ޖާގަ ހޯދުމަށް ފިސްޑާ މާދަމާ ހަވީރު ނިކުންނާނީ ދަޑިމަގު އެކުވެރިންނާ ދެކޮޅަށެވެ. މިދެޓީމް ގްރޫޕް ސްޓޭޖްގައި ވާދަކުރި މެޗު 5 ސެޓަށް ގޮސްގެން ކާމިޔާބުކުރީ ދަޑިމަގު އެކުވެރިންނެވެ.މާދަމާ ހަވީރު ކުޅޭ ސެމީފައިނަލް ތިންވަނަ މެޗުވެސް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.