ޚަބަރު

ދެއްވަދޫ ކްލަސްޓަރ: މުވައްޒަފުން ކަރަންޓީން ކުރަންޖެހުމުން ސިއްޙީ ޚިދުމަތްދިނުމަށް ދަތިތަކެއް


ދެއްވަދޫ ސިއްޙީ މަރުކަޒާއި އެރަށު ބޭސްފިހާރައިގައި މަސައްކަތްކުރާ މުވައްޒަފުން ކަރަންޓީނުކުރުމާއި ގުޅިގެން އެރަށުގެ ސިއްޙީ ޚިދުމަތް ދިނުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ތަޢުފީޤް ވިދާޅުވީ އެރަށުގައި ހުންނަ އެސްޓީއޯ ފާމަސީގެ މުވައްޒަފުގެ ޢާއިލާގެ މީހަކު ޕްރޮޓިވްވުމާއި ގުޅިގެން އެމުވައްޒަފު ކަރަންޓީނުކުރުމުން ބޭސްފިހާރަ ބަންދުކުރަން ޖެހިފައިވާކަމަށެވެ.

އަދި އެރަށު ސިއްޚީ މަރުކަޒުގައި މަސައްކަތްކުރާ ތަރުޖަމާނަކާއި އެމްބިއުލާންސް ޑްރައިވަރުވެސް ކަރަންޓީންވާން ޖެހުމުން އެތަނުގެ މަސައްކަތްތަކާއި ޚިދުމަތްދިނުމަށްވެސް ބުރޫއަރާފައިވާކަމަށް ތައުފީޤް ވިދާޅުވިއެވެ. އޭގެ ސަބަބުން އެމްބިއުލާންސް ދުއްވަނީ އެރަށުގައި ހުރި އެމްޕީއެލްގެ މުވައްޒަފެއްކަމަށާއި، ސިއްޚީ މަރުކަޒުގެ މަސައްކަތްވެސް މިޙާރު ކުރިއަށްގެންދަނީ ކައުންސިލްގެ މުވައްޒަފުން ބޭނުންކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސާމްޕަލް ނެގުމާއި އެނޫންވެސް ކަންކަމުގައި ހަރަކާތްތެރި ވަނީ އެރަށަށް ޗުއްޓީއަށްގޮސްތިބި މީހުން ބައިވެރިކޮށްގެންކަމަށް ތައުފީޤު ވިދާޅުވިއެވެ.

"މިވަގުތު ސިއްޙީމަރުކަޒު މެނޭޖްކުރަން ވަރަށް ދަތި. މިވަގުތު އެތަނުގެ މެނޭޖަރާއި އިތުރު 5 މުވައްޒަފުން ޚިދުމަތްދިނުމުގައި ހަރަކާތްތެރިވަނީ. އޭގެ އިތުރުން ކައުންސިލް އިދާރާގެވެސް ބޭފުޅުން ބޭނުންކޮށްގެން ޚިދުމަތްދެމުން ތަން އޮޕަރޭޓްކުރަމުންމިދަނީ" ތައުފީޤް ވިދާޅުވިއެވެ.

ދެއްވަދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 39އަށް އަރާފައިވާއިރު، ސިއްޚީ ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވިނަމަވެސް ކާޑާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ބޭނުންވާވަރަށް ލިބެމުންދާކަމަށް ދެއްވަދޫ ކައުންސިލުން ވިދާޅުވިއެވެ.