ގއ. ދެއްވަދޫން އިތުރު 4 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 39އަށް ވަނީ އިތުރުވެެފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ދެއްވަދޫ ކައުންސިލުން ވިދާޅުވީ އެރަށުން ޕޮޒިޓިވްވި އިތުރު 4 މީހުންނާއެކު ޖުމްލަ އަދަދު 39އަށް އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ހައިރިސްކު މީހުންވެސް އެބަތިބިކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނޭ 70އަހަރުން މަތީގެ މީހަކަށް ގއ. ވިލިނގިލީގައި ހުންނަ ކޯވިޑް-19އަށް ފަރުވާދޭ ފެސިލިޓީގައި ފަރުވާދެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެރަށުން ޕޮޒިޓިވްވި އެންމެގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅުކަމަށް ވެސް ދެއްވަދޫ ކައުންސިލުން ވިދާޅުވިއެވެ.
ދެއްވަދޫއިން ފެނު ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން މިހާތަނަށް 300 ސާމްޕަލް ނަގައި ދުއިސައްތައަށްވުރެ ގިނަ ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު، އެރަށުގައި ހުރި 156 ގޭގެ ތެރެއިން 56 ގެއެއްގައި މިބަލީގެ ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓުން ތިބެގެން ކަރަންޓީނުކޮށްފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.
ދެއްވަދޫން ކޯވިޑް-19ގެ ފުރަތަމަ ކޭސް ޑިސެމްބަރު 23ގައި ފެނިފައިވާއިރު، މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން އެރަށުން ކޮންމެ ދުވަހަކުވެސް ޕޮޒިޓިވް ކޭސްތަކެއްދަނީ ފެންނަމުންނެވެ.