ވިޔަފާރި

ކޯ ވޯކްސްޕޭސް ފެސިލިޓީ އަންނަމަހު ހުޅުވިގެންދާނެ: ބީސީސީ


އަަލަށް ފަށާ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން މަސައްކަތްކުރާނެ ޖާގައެއް ހޯދައިދިނުމަށް މާލޭގައި ހުޅުވާ ކޯ ވޯކްސްޕޭސް ފެސިލިޓީ އަންނަމަހު ހުޅުވިގެންދާނެކަމަށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ހާމަކޮށްފިއެވެ.

ކޯ ވޯކްސްޕޭސްއަކީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށް ހެޔޮ އަގެއްގައި ވިޔަފާރީގެ މަސައްކަތްކޮށް، ހިޔާލު ބަދުލުކުރެވޭނެ ފަހި މާހައުލެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ފަރުމާކުރެވިފައި ހުންނަ ތަންތަނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީސީސީގެ ޕްރޮޖެކްޓު ޑައިރެކްޓަރ ސާމިޙް އާދަމް ވިދާޅުވީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ހޯދުމަށް ކުރި މަސައްކަތްތަކުން ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ޖާގަ ނެތުން ފާހަގަކުރެވުނު ކަމަށެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި ތަރައްޤީކުރާ ކޯ ވޯކް ސްޕޭސްގައި އެއްފަހަރާ ތިރީސް މީހުންނަށް މަސައްކަތްކުރެވޭނެ ކަމަށް ސާމިހް ވިދާޅުވިއެވެ.

"ކޯ ވޯކް ސްޕޭސްއަކާއި އެކު މި ފަހިކޮށްދެނީ މަސައްކަތްކުރުމުގެ ޖާގަ، ވިޔަފާރި ފަށައިގަންނަ އިރު މަސައްކަތްކުރާނެ ޖާގައިގެން ދަތިކަން ހުރި ފަރާތްތަކަށް ބުކްކޮށްލައިގެން، މީޓިންގ ރޫމްސްތައްވެސް ހުންނާނެ ބުކް ކޮށްލެވެން، ވަރަށް އެފޯޑަބަލް އަގެއްގަ މިތަންތަން ލިބެން ހުންނާނެ،" ސަމިހް ވިދާޅުވިއެވެ.

ކޯ ވޯކް ސްޕޭސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ އޯކިޑްމަގު ކަނީރުވިލާ ބިލްޑިންގައެވެ.

ކޯޝެއާޑް ވޯކްސްޕޭސްއަކީ ކުދި ވިޔަފާރިތަކާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޔޫ.އެން.ޑީ.ޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސް.އެމް.އީޒް، ސީޑްސް ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން ތަރައްޤީކުރާ ތަނެކެވެ.