ކުޅިވަރު

ބްރައިޓަން އާއި ވާދަކޮށް މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ސިޓީއިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފް ނިމެނިކޮށް ޖަހާދިނީ ފިލް ފޯޑަންއެވެ. މިއީ ސިޓީގެ ކެޕްޓަން ކެވިން ޑި ބްރުއިނަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފޯޑަން ޖެހި ލަނޑެކެވެ. މިމެޗަކީ ސިޓީއަށް ވަރަށް ފަސޭހަ މެޗަކަށް ވާނެކަމަށް ހީކުރެވުނު ނަމަވެސް މިމެޗް އެވެން ދިޔައީ ހީކުރިވަރަށްވުރެ އުނދަގޫ މެޗަކަށެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރި ނަމަވެސް ބްރައިޓަންގެ ޑިފެންސަށް ކުޅޭ ކުޅުންތެރިންވަނީ ގިނަ ހަމަލާތައް ހުއްޓުވާފައެވެ. އަދި ބްރައިޓަންގެ ކީޕަރ ރޮބަރޓް ސަންޗޭޒްވަނީ މިމެޗްގައި މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް ދިފާއުވެސް ކޮށްފައެވެ. މިމެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ސިޓީއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ރަހީމް ސްޓަރލިން ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ. މިމެޗްގެ ދެވަނަ ހާފްގައި ބްރައިޓަންއިންވެސް ރަގަޅު ކުޅުމެއް ދައްކާ ސިޓީގެ ގޯލަށް ނުރައްކާ ކުރިއެވެ.

މިކާމިޔާބީއާއެކު ސިޓީ މިހާރުވަނީ ޕޮއިންޓް ތާވަލްގެ ތިން ވަނައަށް ކުރިއަށް ޖެހިލާފައެެވެ. އެއީ މިހާތަނަށް ކުޅުނު 16 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކުއެވެ. އަދި ތާވަލްގެ ކުރީގައި އުޅޭ އެހެން ޓީމް ތަކަށްވުރެ އެއްމެޗް މަދުން ކުޅެފައިވުމުން އެޓީމް ނުކުޅެ އޮތް މެޗުން މޮޅުވެއްޖެނަމަ ތާވަލްގެ އެއްވަނައިގާ އޮތް މެންޗެސްޓަރ ޔުނައިޓެޑާއި އެއް ޕޮއިންޓަށް ގާތް ކުރެވޭނެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި މިމެޗަކީ ވަރަށް އުނދަގުވާނެ މެޗެއްކަން ކުރިންވެސް އަންދާޒާ ކުރެވިފައިވާ ކަމަށާއި ބްރައިޓަން އިން މިމެޗްގައި މޮޅު ކުޅުމެއް ދައްކާފައިވާކަމަށެވެ. މިކަހަލަ އުނދަގޫ މެޗްތަކުން މޮޅުވުން ވަރަށް މުހިންމު ކަމަށްވެސް ޕެޕް ހާމަކުރިއެވެ. ބްރައިޓަންގެ ކޯޗު ގްރަހަމް ޕޮޓަރ ހާމަކުރިގޮތުގައި މެޗުގައި އޭނާގެ ޓީމުން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ. މިގޮތުން ހުރިހާ ކުޅުންތެރިންވެސް ރަގަޅަށް ޑިފެންސް ކުރުމުގެ އިތުރުން ލިބުނު ފުރުސަތު ތަކުގައި ހަމާލާވެސް އުފައްދާފައިވާކަން އޭނާ ފާހަގަ ކުރިއެވެ.