ކުޅިވަރު

2023ވަނަ އަހަރު ލީގް އަތޮޅު ތެރެއަށް ފުޅާކުރަނީ


2023ވަނަ އަހަރު މުޅި ލީގް އަތޮޅު ތެރެއަށް ފުޅާކުރުމަށް ކޮމެޓީއެއް އެކުލަވާލާ ވަރަށް ބާރު ސްޕީޑްގައި އެމަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ދިވެހި ލީގް މުޅި އަތޮޅު ތެރެއަށް ފުޅާކުރުމުގެ ވިސްނުމަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް 2ވަނަ ދައުރަކަށް ހޮވުމުގެ ގޮތުން ކުރެއްވި އެންމެ މުހިންމު އެއް ވައުދުކަން ފާހަގަކޮށްލެވެއެވެ. މިމަސައްކަތަކީ ވަރަށް ބޮޑު މަސައްކަތަކެއްކަމަށާއި މިކަމަށް މީހުންވެސް ތަމްރީނު ކުރަންޖެހޭކަމަށް އެފްއޭއެމްއިން ބުނެއެވެ. ޓީވީއެމްގެ ހެދުނު ހެދުނާ ޕްރޮގްރާމްގައި ވާހަކަދައްކަމުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަށް ދިވެހި ލީގް ފުޅާކުރުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭގެ އުސޫލުންކަމަށެވެ. މިލީގް ކުރިއަށް ގެންދިއުމަށް ބަލާއިރު ޓެކްނިކަލީ ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭކަމަށާއި މިކަމަށް ރެފްރީންނާއި ކޯޗުންގެ އިތުރުން އިދާރީ މުއައްޒަފުން ބިނާކުރަންޖެހޭ ކަމަށް އަހްމަދު ޝަރީފް ވިދާޅުވިއެވެ. މިމަހުގެ 26ވަނަ ދުވަހުން 28ގެ ނިލަޔަށް އިންސްޓްރަކްޓަރުން ބިނާކުރުމުގެ ކޯހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މިދިޔަ އަހަރުވެސް އެފްއޭއެމްއިން ސީ ލައިސަންސް ކޯޗިން ކޯހާއި ބީ ލައިސަންސް ކޯޗިން ކޯސްތަކެއް ކުރިއަށްގެންދިޔައެވެ. އަދި އަންހެން ކޯޗުން ބިނާކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ މިމަހުގެ 26ވަނަ ދުވަހު ފަށާ އިންސްޓްރަކްޓަރުން ތަމްރީން ކުރާ ކޯހުސް ފާސްވާކުދިންނަށް މުޅި ރާއްޖެއަށް ކޯސް ހިންގުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

"އަޅުގަނޑުމެން އިތުރު ކޯސްތަކެއް ކުރިއަށްގެންދާނަން. ކޯޗިން ކޯސް، ގޯލް ކީޕިން ކޯޗިން ކޯސް އަދި ރެފްރީޒް ކޯހެއްވެސް ކުރިއަށްދާނެ. އަޅުގަނޑަށް ހީވަނީ 2020ގައި ހުއްޓުމަކަށް އައި ކޯސްތައް އަލުން މިއަހަރު ފަށާއިރު ފުދޭވަރެއްގެ ބޮޑު ޢީދެއްގެ ސިފައިގައި ޗެލެންޖަކާއި ކުރިމަތި މިލަނީ. އަދި މިމަހުގެ 26ވަނަ ދުވަހުފަށާ މަސައްކަތް މިއަހަރު ނިމެންދެން ކުރިއަށްދާނެ. އަދި މިއީ ވަރަށް ބޮޑު ޗެލެންޖެއް." އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އަހްމަދު ޝަރީފް ބުންޏެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ އަތޮޅުތަކުގެ ރަށްތަކުގައި ކޯޗިން ކޯސް ކުރިއަށްގެންދިއުމަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާއި އަބަދުވެސް އޮންނަނީ ކޯސް ކުރިޔަށްގެންދެވޭ މިނަވަރު މަދުވެފައިކަމަށެވެ.