ވިޔަފާރި

އައްޑޫސިޓީ ހިތަދޫގެ "ސިޓީ ބާޒާރު" ބޮޑުކުރަނީ


ގައުމީ ޔުނިވަސިޓީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ހިތަދޫގައި ހަދާފައިވާ "ސިޓީ ބާޒާރު" ބޮޑު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި، ހުންނަ ސިޓީ ބާޒާރުގެ ބައެއް ފިހާރަތައް މިހާރު ހުރިވަރަށް ވުރެ ބޮޑުކޮށް، އިތުރު ފިހާރަތައް އެޅުމާއި، އަދި އާންމު ފާޙާނާ ބަރިއެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިމަޝްރޫޢު 1.9 މިލިއަން ރުފިޔާއަށް ނިއުހިޔާ މޯލްޑިވްސް އާއި ހަވާލުކޮށް ޤައުމީ ޔުނިވާސިޓީ އާއި ނިއުހިޔާ މޯލްޑިވްސްއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މިމަސައްކަތް 3 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

ޤައުމީ ޔުނިވާސިޓީ އާއި ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދަން އެއްބަސްވެފައިވާ ސިޓީ ބާޒާރު އަދި ސިޓީ ބުސްތާނުގެ މަޝްރޫޢުގެ ތެރެއިން ސިޓީ ބާޒާރުގައި ޖުމްލަ 30 ފިހާރަ އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން މިހާތަނަށް ނިންމާފައިވަނީ 10 ފިހާރައެވެ. 2016 ވަނަ އަހަރު މި ފިހާރަތަކުގެ މަސައްކަތް ނިންމައި ކުއްޔަށް ދިނުމަށް ވަނީ ފަށާފައެވެ. އެގޮތުން މިތަންތަނުގައި މިހާރުވެސް ބައެއް ކުދި ވިޔަފާރިތައް ވަނީ ޤާއިމުކުރެވިފައެވެ.

ސިޓީ ބާޒާރު ކުއްޔަށް ދީގެން ލިބޭ އާމްދަނީ ކައުންސިލާއި ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާ ދެމެދު ހިއްސާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސިޓީ ބާޒާރުގެ އިތުރުން ހިތަދޫ ކެމްޕަސް އެކަކާ ދިމާލުން ލިންކް ރޯޑުން ޔުނިވަސިޓީ އަށް ދީފައި އޮތް ބިމުގައި "ސިޓީ ބުސްތާން" އެއް ގާއިމުކުރަން ވެސް ވަނީ ނިންމާފައެވެ. އެތަން ހާއްސަކޮށްފައި ވަނީ ކުޑަ ޖާގައެއްގައި އެލޮޓްމަންޓް ގާޑަންއަށެވެ.

ސިޓީ ބާޒާރާއި ސިޓީ ބުސްތާން ގާއިމުކުރުމުގެ އެއްބަސްވުމުގައި ކައުންސިލާއި ޔުނިވަސިޓީއާ ދެމެދު ސޮއިކުރީ 16، އެޕްރީލް 2015 ގައެވެ.