ޚަބަރު

އެއްވެސް ކޮންޓްރެކްޓަރަކަށް ފައިސާ ނުދީ ނޯންނާނެ - ފެނަކަ


ފެނަކަ ކޯޕަރޭޝަނުގެ އެއްވެސް މަޝްރޫޢެއްގެ ކޮންޓްރެކްޓަރަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދޫނުކޮށް ނޯންނާނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެކޯޕަރޭޝަނުން މިހެން ވިދާޅުވެފައިވަނީ އެކުންފުނީގެ ބައެއް މަޝްރޫއުތައް ހިންގާ ކޮންޓްރެކްޓަރުންނަށް މަސައްކަތުގެ ފައިސާ ނުދީ ހިފަހައްޓާފައިވާކަމަށްބުނެ މީޑިއާއެއްގައި ޢާއްމުކޮށްފައިވާ ޚަބަރަކާގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެކޯޕަރޭޝަނުން ވިދާޅުވީ އެއްވެސް އެކުންފުންޏާއެކު، އެއްބަސްވުމެއްގެ ދަށުން ކުރެވޭ މަސައްކަތެއްގައި، ކޮންމެ ކޮންޓްރެކްޓަރަކަށްވެސް ލިބިދޭންޖެހޭ ފައިސާ އެއެއްބަސްވުމެއްގެ ރޫޙާއި އެއްގޮތްވާގޮތަށް ނުދީ ނޯންނާނެކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުންވަނީ މަދު ކޮންޓްރެކްޓަރުންގެ ފަރާތުން ލިބުނު މައުލޫމާތަކަށް ބަލައި ފެނަކައިގެ ބަހެއް ނުހޯދައި ހަޤީޤަތް އޮޅޭ މަޢުލޫމާތެއް އާއްމުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ ރައްޔިތުންގެ މެދުގައި ފެނަކަ ކޯޕަރޭޝަންއާއި މެދުގައި ޝައްކާއި ވަހުމު އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބުކުރުމަށް ކުރި ނާތަހުޒީބު ފިނޑި އަމަލެއްކަމަށްވެސް އެ ކޯޕަރޭޝަންގެ ބަޔާނުގައި ވެއެވެ.