ތަޢުލީމު

ޕްރައިމަރީ ޓީޗަރުން ތަމްރީންކުރުމަށް 15 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާގޮތަށް 15 ސްކޮލަރޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ސްކޮލަޝިޕްއަށް ހޮވޭ މުދައްރިސުން ތަމްރީން ކުރާނީ ޤައުމީ ޔުނިވަރސިޓީން، މި ވަގުތަށް ޤައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ކުރިއަށްގެންދަވާ ޚާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުންކަމަށެވެ. މި ސްކޮލަރޝިޕާއެކު ދެވޭ އިނާޔަތްތަކުގެ ތެރޭގައި އެލަވަންސްއެއްގެ ގޮތުގައި މަހަކު 5000 ރުފިޔާއާއި، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ސެމިސްޓަރއެއްގައި 5000 ރުފިޔާއާއި، ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު އެސްޓެބްލިޝްމަންޓް ގްރާންޓްއެއްގެ ގޮތުގައި ދެވޭ 5000 ރުފިޔާ ހިމެނެއެވެ.

މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުގެ އެކޮމޮޑޭޝަން ޤައުމީ ޔުނިވަރސިޓީގެ ދަނާލުން ހަމަޖެހިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާ ނުކުރުން ހިމެނެއެވެ. މީގެ ބޭނުމަކީ މި ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުން އުނގެނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް، ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.

މި ސްކޮލަރޝިޕްތައް އަމާޒުކޮށްފައިވަނީ ޕްރައިމަރީ ޓީޗަރުން މަދު 60 ރަށަކަށެވެ. މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 30 މުދައްރިސުން ތަމްރީން ކުރެވޭނެއެވެ. އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާ 15 ސްކޮލަރޝިޕްގެ އިތުރުން ޤައުމީ ޔުނިވަރސިޓީއިންވެސް 15 ފަރާތަކަށް ސްކޮލަރޝިޕް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ ހުޅުވާލާފައެވެ.