ޚަބަރު

މަޖިލީސް މެދުކަނޑާލައި، މެލޭޝިޔާގައި ކުއްލި ޙާލަތު އިޢުލާނުކޮށްފި


ކޯވިޑް-19ގެ ސަބަބުން މެލޭޝިޔާގެ ޙާލަތު ގޯސްވެ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ. އެ ނިންމުމާއިއެކު މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހާއި ސްޓޭޓުތަކުގެ މަޖިލީސްތައްވަނީ މެދުކަނޑާލައިފައެވެ.

މެލޭޝިޔާގައި ކުއްލި ޙާލަތު އިޢުލާނުކޮށްފައި މިވަނީ ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން އެ ޤައުމުގެ އަށް ސްޓޭޓެއް ފުރަބަންދުކުރުމަށް ހަމަޖެހިފައި އޮތް ވަގުތުގެ އިރުކޮޅެއް ކުރިންނެވެ. ފުރަބަންދުކޮށްފައިވާ ސްޓޭޓުތަކުގެ ތެރޭގައި ކުއަލަ ލަމްޕޫރު، ސަބާހު، ސެލަންގޯ، ޕެނަންގ އަދި ޖޮހޯރު ހިމެނެއެވެ. މި މަހުގެ 26ވަނަ ދުވަހާއި ހަމައަށް އެ ސަރަޙައްދުތައްވަނީ ފުރަބަންދުކޮށްފައެވެ.

މެލޭޝިޔާގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގެ ރަސްގެފާނާއި ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންއާއި ދެމެދު ބޭއްވި ބައްދަލުވުމަކަށްފަހު ޤައުމުގައި ކުއްލި ޙާލަތު އިޢުލާނުކުރުމަށް ރަސްގެފާނު ތާއީދުކުރައްވާފައިވާކަމަށެވެ. އެ ނިންމުން ނިންމާފައިވަނީ ކޯވިޑް-19ގެ ސަބަބުން ޤައުމުގެ ޙާލަތު ގޯސްވެ، ޞިއްޙީ ނިޒާމަށް ބާރުބޮޑުވުމުގެ ސަބަބުންކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ. މިހާރު އިޢުލާނުކޮށްފައިވާ ކުއްލި ޙާލަތު އޮގަސްޓު މަހުގެ 1ވަނަ ދުވަހާއިހަމައަށް ދެމެހެއްޓުމަށްވަނީ ނިންމާފައެވެ. ނަމަވެސް ޤައުމުގެ ޙާލަތު ރަނގަޅުވެއްޖެނަމަ އެއަށްވުރެ ކުރިންވެސް ކުއްލި ޙާލަތު އުވާލުން އެކަށީގެންވެއެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިޠާބެއްގައި މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ވިދާޅުވީ ކުއްލި ޙާލަތުގެ ދަށުން ޤާނޫނުހަދާ މަޖިލީހާއި ސްޓޭޓުތަކުގެ މަޖިލީސްތައް މެދުކަނޑާލާނެކަމަށެވެ. އަދި މި ޙާލަތުގައި އެއްވެސް އިންތިޚާބެއް ބޭއްވުމުގެ ޙުއްދައެއްވެސް ނޯންނާނެއެވެ. މި ޙާލަތުގައި ކާފިއުއެއް އިޢުލާނު ނުކުރައްވާނެކަމަށާއި، ޤައުމު ހިންގުމުގައި ބޮޑުވަޒީރުގެ ސަރުކާރުން ދެމިތިއްބަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން މެލޭޝިޔާގައި ފެތުރުނު ކޯވިޑް-19ގެ ރާޅު ހަމައަކަށް އަޅުވާފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށް އެ ޤައުމު ފުރަބަންދުކޮށްގެންނެވެ. އޭރު އިޢުލާނުކުރި ފުރަބަންދުގެ ދަށުން އެ ޤައުމުގައި ދިރިއުޅޭ މީހުން ގެއިން ބޭރަށް ނުކުތުންވަނީ މަނާކޮށްފައެވެ. ބަލިޖެހޭ މީހުންގެ ޢަދަދު މަދުވަމުން ދިޔަ ވަރަކަށް އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދިޔައީ ލުއި ދެމުންނެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރަށު ތެރޭގައި ކޯވިޑް-19 ފެތުރުން ހުއްޓިފައިވާކަމަށްވަނީ އިޢުލާނުކޮށްފައެވެ.

ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަބާހުގެ ބޯނިއާ ސްޓޭޓުގައި ބޭއްވި އިންތިޚާބަކަށްފަހު މެލޭޝިޔާގެ ޙާލަތުވަނީ އަނެއްކާވެސް ގޯސްވާން ފަށައިފައެވެ. އެ އިންތިޚާބު ބާއްވާފައިވަނީ ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދިޔަ ދަނޑިވަޅެއްގައެވެ.