ވިޔަފާރި

އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 36000 އަށްވުރެ މައްޗަށް


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 36000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 12 ދުވަސްތެރޭ ރާއްޖެއަށް ވަނީ 36001 ފަތުރުވެރިން ރާއްޖެއަށް އައިފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 67281 ފަތުރުވެރިންނަށްވުރެ 46.5 އިންސައްތަ ދަށް އަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3000 ފަތުރުވެރިން އާދެއެވެ. ވަކިވަކި ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާލާއިރު، މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެޤައުމުން ރާއްޖެއަށް 9830 ފަތުރުވެރިން އައިސްފައިވާއިރު، ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން މި މުއްދަތުގައި ރާއްޖެއަށް 4965 ފަތުރުވެރިން އައިސްފައިވެއެވެ. މިހާރު ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޔޫކްރެއިން އިންނެވެ. އެޤައުމުން ރާއްޖެއަށް މިއަހަރު މިހާތަނަށްވަނީ 1824 ފަތުރުވެރިން އައިސްފައެވެ.

މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ތިން ޤައުމުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނުނު ނަމަވެސް، ކޯވިޑް-19 އާއި ގުޅިގެން އެޤައުމު ފުރަބަންދަކަށް ދިޔުމުން އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައްވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 12 ދުވަސްތެރޭ އެޤައުމުން ރާއްޖެއަށް އައިސްފައިވަނީ 1465 ފަތުރުވެރިންނެވެ. މިއާއެކު މިޤައުމަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަށްވަނީ ވެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 4195 ފަތުރުވެރިން އައިސްފައެވެ.

ފަތުރުވެރިން މިދުވަސްކޮޅު ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ މުއްދަތުވެސް ދިގުކަން ފާހަގަކޮށްލެވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފަތުރުވެރިން އާއްމުގޮތެއްގައި މިހާރު ރާއްޖޭގައި 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ލިބެމުންދާ ކުރިއެރުންތަކާއެކު ފަތުރުވެރިންނަށް ޙިދުމަތްދޭ ފެސިލިޓީތައްވެސް ދަނީ އަލުން ހުޅުވާލަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 573 ފެސިލިޓީއަކުން 42136 އެނދުވަނީ ފަތުރުވެރިކަމަށް ނެރެފައެވެ.