ވިޔަފާރި

މިއަހަރު އަލަށް 15 ރިސޯޓެއް ހުޅުވާނެ


މި އަހަރުތެރޭ ރާއްޖޭގައި އަލަށް 15 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި އަހަރުތެރޭ އަލަށް ހުޅުވިގެންދާނެ ރިސޯޓުތަކުގެ އަދަދު ހާމަކޮށްފައިވީ ނަމަވެސް، މި ރިސޯޓުތަކާއި ގުޅޭ އިތުރު ތަފްސީލެއް އެމިނިސްޓްރީން ދީފައެއް ނުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މީގެ ކުރިން ދެއްވި އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫލް ވިދާޅުވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރިސޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށްވެސް ހުއްޓުމެއް އައުމުން، 2020ވަނަ އަހަރު ރާއްޖޭގައި އަލަށް 12 ރިސޯޓު ހުޅުވުމަށް އަމާޒުކުރި ނަމަވެސް އަހަރު ނިމިގެން ދިޔައިރު، ހުޅުވިގެން ގޮސްފައިވަނީ 4 ރިސޯޓުކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަހަރުތެރޭ އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި، ރިޓްސް ކާލްޓަން ފަރި އައިލެންޑްސް ރިސޯޓާއި، ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓާއި، ލެ މެރެޑިއާން މޯލްޑިވްސް ރިސޯޓު އެންޑް ސްޕާ، ދަ ޗެޓީ ކުޑަވިލިގިލި ރިސޯޓާއި ކޮކޯގިރި އައިލެންޑް ރިސޯޓާއި، އެޑްރެސް މަޑިވަރު މޯލްޑިވްސް ރިސޯޓްސް އެންޑް ސްޕާ، އަވާނީ ފަރެސް ރިސޯޓު ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ރާއްޖޭގެ 4 އަތޮޅަކުން 3 ރަށާއި އަދި ބިމެއް، ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލައިފައެވެ. އަދި ރަށްތަކާއި ގުޅޭގޮތުން ގިނަ ބަޔަކު މައުލޫމާތު އޮޅުން ފިލުވަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްޤީ ކުރުމަށް ހުޅުވާލާފައިވަނީ، ހއ. އަލިދުއްފަރުފިނޮޅު، ށ. ކުޑަޅައިމެންދޫ ނ. ކުންނަމަލެއި އަދި ހދ އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވައިކުރަމުރައިދޫން 15 ހެކްޓަރުގެ ބިމެކެވެ.

ޓުއަރިޒަމް މިނިސްޓްރީން ރަށްތަކާއި ބިމެއް ފަތުރުވެރިކަމަށް ހުޅުވާލިއިރު، މިކަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މިމަހުގެ 14 ވަނަ ދުވަހު ބާއްވާނެއެވެ. މި 3 ރަށާއި، ބިމުގެ ބީލަން ފޮތް ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރު މާޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީން ގަނެވޭނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި ބީލަން ހުށަހެޅުން މާޗު މަހުގެ 7 ވަނަ ދުވަހު އޮންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.