ޚަބަރު

އަދިވެސް މާޅޮހުން ފެން ނުހިނދޭ، 40އަށްވުރެ ގިނަ ގެއަށް އެކިވަރުގެ ގެއްލުން


ފެން ހިންދުމުގެ މަސައްކަތް ކުރާތާ 24 ގަޑިއިރުވީއިރުވެސް މާޅޮހުން ފެން ނުހިނދޭކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މާޅޮހު ކައުންސިލްގެ ޒިންމާދާރުވެރިޔާ ވިދާޅުވީ، އިއްޔެއާއި އޭގެ ކުރީދުވަހު ވެހުނު ވާރޭގެ ސަބަބުން މާޅޮހުގެ 40 ވުރެ ގިނަގެއަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ. އަދި ފެންވަދެފައިވާ ގެތައް ސާފުކުރުމުގެ މަސައްކަތް ރަށުގެ އަންހެނުން އިސްނަގައިގެން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މާޅޮހު ކައުންސިލްގެ ޒިންމާދާރުވެރިޔާ ވިދާޅުވީ މިއަދުވެސް އެރަށަށް ބޯކޮށް ވާޜޭވެހުމުގެ ސަބަބުން ބިމު އަޑިން ފެން އަރާތީ ފެންހިންދުމުގައި ދަތިތަކާ ކުރިމަތިވާކަމަށެވެ. އަދި މިހާރު މޫދަށް ކޯރުކަނޑައިގެން މަގުތަކުގައި ހެދިފައިވާ ފެންތައް ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ. ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށް ޓާސްކްފޯސްއެއް އެކުލަވާލައިވާކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މާޅޮހަށް ވާރޭވެހި ފެން ބޮޑުވެފައިވަނީ އިއްޔެ ހެނދުނުއެވެ. ވާރޭގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފް އާއި ފުލުހުންނާއި، އަތޮޅު ކައުންސިލާ އެރަށު ކައުންސިލާ ރައްޔިތުން ގުޅިގެންނެވެ.