ވިޔަފާރި

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ބޯޑު އެކުލަވާލައި، އެމްޑީއަކަށް ރިޒްވީ ހަމަޖައްސައިފި


ރީޖަނަލް އެއަރޕޯޓް ކޮމްޕެނީގެ ބޯޑު އެކުލަވާލައި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

"ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް"އަކީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ކުންފުންޏެކެވެ.

ރީޖަނަލް އެއަރޕޯޓް ކޮމްޕެނީގެ ބޯޑު އެކުލަވާލައި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފައިވަނީ ކުރިން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި މުޙައްމަދު ރިޒްވީއެވެ. އަދި ޗެއަރމަންއަކަށް ހަމަޖައްސާފައިވަނީ އަބްދުއްލަތީފް ޤާސިމްއެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ދެން ތިއްބަވަނީ މުހައްމަދު ފިރުޒުލްއާއި، މުހައްމަދު ޝަފާއު ހުސައިން، ހުސައިން ޝާމިން އަދި އަބްދުﷲ ވަހީދުއެވެ.

ރީޖަނަލް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 17 އެއަޕޯޓް އެބައޮތެވެ. މީގެ ތެރޭގައި 4 އިންޓަރނޭޝަނަލް އެއަޕޯޓް ހިމެނެއެވެ. އަދި ރީޖަނަލް އެއަޕޯޓްސްއިން 7 އެއަޕޯޓެއް އޮޕަރޭޓް ކުރަމުން ގެންދެއެވެ.