ކުޅިވަރު

ސްޕެނިޝް ލަލީގާގައި އެޓްލެޓިކޯ މެޑްރިޑް އެޓީމްގެ ލީޑު ފުޅާކޮށްފި


ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ އެޓްލެޓިކޯ މެޑްރިޑް އެޓީމުގެ ލީޑު ހަތަރު ޕޮއިންޓަށް ފުޅާކޮށްފިއެވެ. އެޓްލެޓިކޯއިން ތާވަލްގައި ލީޑު ފުޅާކުރި ސެވިއްޔާއާ ރޭ ބައްދަލުކުރި މެޗް 2 ލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.

އެޓްލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހައިދިނީ ކިއެރަން ޓްރިޕިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެންޖެލް ކޮރެއާއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހައިދިނީ ސައުލް ނިގުއޭޒްއެވެ. މިމެޗުން ބަލިވި ނަމަވެސް ސެވިއްޔާއިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ގޯލަށް އަމާޒުކޮށް 13 ހަމަލާއެއް އެޓީމުން އުފެއްދިއެވެ. އެޓްލެޓިކޯއަށް މިމެޗްގައި އުފެއްދުނީ 5 ހަމަލާއެވެ.

މިއީ ވޭތިވެދިޔަ 10 މެޗްގައި ސެވިއްޔާ ބަލިވި ފުރަތަމަ މެޗެވެ. ރޭގެ ކާމިޔާބީއާއެކު އެޓްލެޓިކޯވަނީ ކުޅުނު 16 މެޗުން 41 ޕޮއިންޓް ހޯދައިފައެވެ. އަދި ތާވަލްގެ ދެވަނައިގައި އުޅޭ ރެއާލް މެޑްރިޑް އިތުރަށް ދެމެޗް ކުޅެ، 18 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. އަދި އެޓްލެޓިކޯއިން އެޓީމް ނުކުޅެ އޮތް ދެމެޗް ކާމިޔާބުކޮށްފިނަމަ ތާވަލްގެ އެއްވަނައިގާ ޕޮއިންޓްގެ ފަރަގު އިތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.