ވިޔަފާރި

އިނގިރޭސިވިލާތުގެ ފަތުރުވެރިން ހަނީމޫން ހޭދަކުރަން އެންމެ ބޭނުންވަނީ ރާއްޖޭގައި


އިނގިރޭސިވިލާތުގެ ފަތުރުވެރިން މިއަހަރުތެރޭ ހަނީމޫނަށް ދާން އެންމެ ބޭނުންވާ ޤައުމަކީ ރާއްޖެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ކައިވެނި ޕާޓީން ފެށިގެން ހަނީމޫނާއި ހަމައަށް ދާނެ ޙަރަދުތަކާއި ގުޅޭ މައުލޫމާތުތައް އެއްކުރުމަށް ނަރޑްވޮލެޓުން ކުރިއަށްގެންގޮސްފައިވާ މި ދިރާސާގައި ވަނީ ދާދިފަހުން ކައިވެނިކުރި 1000 ފަރާތަކުން ބައިވެރިވެފައެވެ. އެގޮތުން ލޯބިވެރިޔާ ކައިރީ އިންނަން އަހަން އެންމެ ކަމުދާ މަންޒިލަކާއި، ކައިވެނި ޕާޓީ ބާއްވަން އެންމެ ކަމުދާ މަންޒިލެއްގެ އިތުރުން ހަނީމޫނަށްދާން އެންމެ ކަމުދާ މަންޒިލަތައް ވަނީ ހޯދާފައެެވެ.

އެގޮތުން ކޮންމެ ކެޓަގަރީއަކުންވެސް ވަނީ އިނގިރޭސިވިލާތުގައި އެންމެ ކަމުދާ މަންޒިލަކާއި، މުޅި ދުނިޔެއިން އެންމެ ކަމުދާ މަންޒިލްތައް ހޯދާފައެވެ. އެގޮތުން ޕްރޮޕޯސްކުރަން އެންމެ ކަމުދާ މަންޒިލަކީ އެމެރިކާގެ ނިއުޔޯކްއެވެ. އަދި ކައިވެނި ޕާޓީ ބާއްވަން އެންމެ ކަމުދާ މަންޒިލަކީ އިޓަލީއެވެ.

ޤައުމުން ބޭރުގައި ހަނީމޫން ހޭދަކޮށްލަން ދާން ލިބޭނެ ނަމަ، ދާން އެންމެ ބޭނުންވާ މަންޒިލަކީ ރާއްޖެކަމަށް މި ސަރވޭގައި ބައިވެރިވި ގިނަ މީހުން ވަނީ ބުނެފައެވެ. އެގޮތުން މި ލިސްޓުގައި ޖުމްލަ 5 މަންޒިލެއް ހިމެނޭއިރު ރާއްޖެއާ އެންމެ ކައިރިން ވާދަކޮށްފައިވަނީ ހަވާއީއެވެ.

ލިސްޓުގައި ހިމެނޭ ރަށްތަކަކީ،
- ދިވެހިރާއްޖެ
- ހަވާއީގެ މައުވީ
- ގްރީސްގެ ސެންޓޮރިނީ
- އިޓަލީގެ ޕުލިއާ
- ޖަޕާންގެ ކިޔޯޓޯ

ނަރޑުވޮލެޓުން ހާމަކުރާގޮތުގައި ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްލުމަށް އާއްމުގޮތެއްގައި 3156 ޕައުންޑު ހޭދަވެއެވެ.

އިނގިރޭސިވިލާތުގެ ފަތުރުވެރިން މިއަހަރުތެރޭ ހަނީމޫނަށް ދާން އެންމެ ބޭނުންވާ ޤައުމަކީ ރާއްޖެކަމަށް ދިރާސާއަކުން ދެއްކިއިރު، މީގެކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިޔަ ދިރާސާތަކުގައިވެސް ރާއްޖެ ވަނީ ލިސްޓުތަކުގެ އެއްވަނަ ހޯދާފައެވެ.