ވިޔަފާރި

ކޯ-ޝެއާޑް ކިޗަންގެ ޚިދުމަތް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވާލެވޭނެ- ބީސީސީ


ގޭގައި ތިބެގެން ކާބޯތަކެތި ހަދާ ފަރާތްތަކަށް އަމާޒުކޮށްގެން ގިނަ ބަޔަކަށް އެއްފަހަރާ ބޭނުންކުރެވޭ ބަދިގެ ނުވަތަ ކޯ-ޝެއާޑު ކިޗަންގެ ޙިދުމަތް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ބުނެފިއެވެ.

ބީސީސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އެކޯޕަރޭޝަންގެ ޕްރޮޖެކްޓް ޑިރެކްޓަރ ސާމިޙް އާދަމް ވިދާޅުވީ އެއްފަހަރާ 30 މީހުންނަށް މަސައްކަތްކުރިއަށް ގެންދެވޭގޮތަށް ޚިދުމަތް ފަށައި، ކޯ-ޝެއާޑް ކިޗަންގެ އިންތިޒާމުތައް މިހާރު ރާވަމުންދާކަމަށެވެ.

އަމިއްލަ ފަރާތްތަކުން ގޭގޭގައި މިހާރު ކުރިއަށްގެންދާ ވިޔަފާރިތައް އިންޑަސްޓްރިއަލް ލެވަލްއެއްގައި ކުރިއަށްގެދިއުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި ހުޅުވާ ކޯ-ޝެއާޑް ކިޗަންގެ ފުރަތަމަ ތަން ހުލުމާލޭގައި ހަދަމުންދާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެތަނުގެ ޚިދުމަތް ފެށޭނެކަމަށް ސާމިޙް އާދަމް ވިދާޅުވިއެވެ.

އަމިއްލަ ފަރާތްތަކުން މިހާރު ގޭގޭގައި ކުރިއަށްގެންދާ ވިޔަފާރިތައް އިންޑަސްޓްރިއަލް ލެވަލްއެއްގައި ކުރިއަށްގެދިއުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި ފަށާ ކޯ-ޝެއާޑު ކިޗަންގެ ޙިދުމަތް ހޯދުމަށް މިހާތަނަށް 60އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މައުލޫމާތުދެއްވިއެވެ.

"މިތަން މިފަރުމާކުރަނީ ތަނުގެ ބޭނުން ހަމައެކަނި ކެއްކުމައްޓަކާއި ބޭނުންކުރުމަށްވުރެ، އެތަނުގައި މެންޓަރިންގެ ޚިދުމަތް ޕްރޮވައިޑްކޮއްދޭނަމޭ، މިހާރުވެސް އިއުލާންކޮށްފައިވާނެ މިތަނުގައި ކަލިނަރީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތްތައް ހޯދުމަށްވެސް. އެހެންކަމުން މިހާރު އެބޭފުޅުންގެ ހުރި ހުނަރުތައް ކުރިއެރުވޭނެ ތަނަކަށްވެސް މިތަންވެގެންދާނެ. މިހާރު ކުރިއަށްދަނީ ތަނުގެ ރީފަރބިޝަމަންޓް މަސައްކަތް، އެހެންވީމަ އަޅުގަނޑުމެން މި ޤަބޫލުކުރަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެތަނުގެ މަސައްކަތް ނިންމާލައި ޕަބްލިކަށް ހުޅުވާލެވޭނެކަމަށް" ބީސީސީގެ ޕްރޮޖެކްޓް ޑިރެކްޓަރ ސާމިޙް އާދަމް ވިދާޅުވިއެވެ.

ހުޅުމާލޭ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ ކޯ-ޝެއާޑް ކިޗަންގެ މަސައްކަތް ނިންމައި ޚިދުމަތްދޭން ތައްޔާރުވަމުންދާއިރު ރާއްޖޭގެ އިތުރު ޞަރަަޙައްދުތަކުގައިވެސް މިފަދަ ތަންތަން ތައްޔާރު ކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ބިސީސީން ބުނެއެވެ.

ޔޫ.އެން.ޑީ.ޕީގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީން ކުރިއަށްގެންދާ މި ކޯ-ޝެއާޑް ކިޗަންގެ އިތުރުން ހުޅުމާލޭގައި ޕެކޭޖިން ފެސިލިޓީއެއް ހެދުމުގެ މަސައްކަތުގެ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ.