ކުޅިވަރު

ލިޔާ ޑަބްލިއުއެސްއޭ ކުޅުދުއްފުށި ބެޑްމިންޓަން ސީރީސް ފަށައިފި


ކުޅުދުއްފުށީ ސިޓީގައި ބާއްވާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތް ލިޔާ ޑަބްލިއުއެސްއޭ ކުޅުދުއްފުށި ބެޑްމިންޓަން ސީރީސް ފަށައިފިއެވެ.

މިމަހުގެ 25 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި 46 ފިރިހެން ކުޅުންތެރިންނާއި 16 އަންހެން ކުޅުންތެރިން އޯޕަން ކެޓަގަރީގައި ބައިވެރިވެފައިވެއެވެ. އަދި 49 ފިރިހެން ކުޅުންތެރިންނާއި 20 އަންހެން ކުޅުންތެރިން ޓީމް އިވެންޓް ކެޓަގަރީގައި ބައިވެރިވެފައިވެއެވެ.

މުބާރާތުގައި ޖުމްލަ 151 މެޗް ކުޅޭއިރު މުބާރާތުގެ މެޗްތައް ކުރިއަށްދަނީ ކުޅުދުއްފުށި ސިޓީ އިންޑޯ ބެޓްމިންޓަން ހޯލްގައެވެ. ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ޓީމް އިވެންޓްގައި ފިރިހެން 7 ޓީމް އަދި އަންހެން 4 ޓީމް ބައިވެރިވެފައިވެއެވެ. އޯޕަން ކެޓަގަރީގައި ސިންގަލްސްގެ މެޗްތަށް ކުރިއަށްދާނީ ދެޑިވިޝައަކަށް ބަހާލައިގެންނެވެ. އެއީ ފުރަތަމަ ޑިވިޝަންއާއި ދެވަނަ ޑިވިޝަންއެވެ. އޯޕަން ކެޓަރީގެ އެންހެންބައި ކުރިއަށްދާނީ ސިންގަލްސް އަދި ޑަބަލްސްއެވެ. އެންމެ ފަހު ކެޓަގަރީއަކަށް ހިމަނާފައިވަނީ މިކްސް ޓަބަލްސްއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ މިމުބާރާތުގައި ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން މުބާރާތުގެ ތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސިޓް ވީހާވެސް މަދު ކުރުމާއި، މުބާރާތުގެ ވަކި ހިސާބަކުން މިފަދަ ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުން ނުކުރުމަށްވަނީ ނިންމާފައެވެ. މިފަދަ ކަންތައްތަކަށް ބާރު ދިނުމުގެ ގޮތުން މުބާރާތް އިންތިޒާމް ކުރާ އޮފިޝަލުން ނާއި ރެފްރީންވެސް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ފޮތި ކޮތަޅާއި އެއްފަހަރަށް ވުރެއް ގިނަ ފަހަރު ބޭނުންކުރެވޭ ފެންފުޅިތަކެވެ.

ޑަބްލިއުއެސްއޭ އެކަޑަމީގެ މަގްސަދަކީ މިއަހަރު ނިމުމުގެ ކުރިން މިއެކަޑަމީން ހިންގާ ހުރިހާ ހަރަކާތްތަކެއްގައިވެސް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް އެއްވެސް ގޮތަކަށް ބޭނުން ނުކުރުމެވެ. އަދި މިކަމަށް ބާރުދިނުމުގެ ގޮތުން އެކަޑަމީއިންވަނީ ދެ ހޭޝް ޓެގްއެއްވެސް ބޭނުން ކުރަން ފަށާފައެވެ. އެއީ ސޭ ނޯ ޓު ސިންގަލް ޔޫސް ޕްލާސްޓިކް އަދި ޕްލާސްޓިކް ނޫން ގޮތެކެވެ.