ވިޔަފާރި

ޓުޓިކޮރިންގ-އައްޑޫ ކާގޯ: މިފަހަރު ގެނައި މުދާ %60 އިތުރު!


އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް މިފަހަރު އައި ކަގޯ ފެރީގައި ގެނައި އަމިއްލަ ފަރާތްތަކުގެ މުދާ އޭގެ ކުރީދަތުރަށްވުރެ %60 އިންސައްތަ އިތުރުކަމަށް މޯލްޑިވްސް ސްޓޭޓް ޝިފިންގ (އެމްއެސްއެސް)އިން ހާމަކޮށްފިއެވެ.

އެމްއެސްއެސްއިން އިންޑިއާގެ ޓުޓިކޮރިންއާއި އައްޑޫ ސިޓީއާ ދެމެދު ކާގޯ ފެރީގެ ދަތުރުތައް ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ. އިންޑިއާގެ ޓުޓިކޮރިންއާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގައި އެމްއެސްއެސްއިން ބޭނުންކުރަނީ "އެމްވީ ބޮންތި 2" ބޯޓެވެ. މިފަހަރު މި ބޯޓުން ރާއްޖެއަށް ވަނީ 3554 މެޓްރިކް ޓަނުގެ މުދާ ގެނެސްފައެވެ.

މީގެތެރެއިން 2000 ޓަނުގެ މުދަލަކީ އެސްޓީއޯއިން ގެނެސްފައިވާ މުދާކަމަށް އެމްއެސްއެސްއިން ހާމަކުރެއެވެ. ޕީއެސްއެމް ނިއުސްއާއި ވާހަަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވީ މިފަހަރު އައްޑޫއަށް ގެނެސްފައިވާ މުދާތަކުގެތެރޭގައި ގިނައިން ހިމެނެނީ ކާބޯތަކެތީގެ ބާވަތްތައް ކަމަށެވެ. އަދި މިފަހަރުގެ ދަތުރުގައި ފިނި ކުރި ބައެއް ކާބޯތަކެތިވެސް ގެނެސްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"މި ބޯޓަކީ 3700 މެޓްރިކްޓަނުގެ މުދާ އުފުލޭ ބޯޓެއް، އަދި ކޮންމެ ދަތުރެއްވެސް މިއަންނަނީ ފުރިގެން، މިފަހަރު ގެނައި ޕްރައިވެޓް ކާގޯގައި ބޮޑަށް ހިމެނެނީ ޕެރިޝަބަލްސްއާއި ކާބޯތަކެތީގެ ބާވަތްތައް، މީގެތެރޭގައި ފިނިކުރި ކޮންޓެއިނަރެއްވެސް ހިމެނޭ" ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ މިފަހަރުގެ ދަތުރުގައި ގިނަ ޢަދަދެއްގެ ތަރުކާރީއާއި މޭވާ އައްޑޫ ސިޓީއަށް ގެންސްފައިވާތީ، މާލެއަށް ބަނދަރު ނުކޮށް، ސީދާ ބޯޓު ބަނދަރުކޮށްފައިވަނީ އައްޑޫ ސިޓީއަށް ކަމަށެވެ.

އެމްއެސްއެސްއިންވަނީ އިންޑިއާގެ ޓުޓިކޮރިން އާއި ގދ.ތިނަދުއާ ދެމެދުވެސް ކާގޯގެ ޚިދުމަތް މިދިޔަމަހުގެ 22ވަނަ ދުވަހު ފަށާފައެވެ. އަދި ގިނަ އަދަދެއްގެ ވިޔަފާރިވެރިން މައުލޫމާތުތައް އޮޅުންފިލުވަމުންދާކަން ސައީދު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް މިފަހަރުގެ ދަތުރުގައި ތިނަދޫއަށް އެއްވެސް މުދަލެއް ގެނެސްފައިނުވާ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

މީގެ ކުރީން އިންޑިއާގެ ކޮޗިން އާއި ހދ.ކުޅުދުއްފުއްޓާއި ދެމެދުވެސް ވަނީ ކާގޯ ފެރީގެ ޙިދުމަތުން ގުޅާލާފައެވެ. އެގޮތުން ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. ކޮޗިން-ކުޅުދުއްފުށި ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓަކީވެސް މޯލްޑިވްސް ސްޓޭޓް ޝިޕިންގެވެ.

ކާގޯ ފެރީ ކުޅުދުއްފުއްޓަށް ދަނީ ކޮޗިންއިން ޓުޓިކޮރިންއަށް، ޓުޓިކޮރިންއިން މާލެއަށް އަދި މާލެއިން ކުޅުދުއްފުއްޓަށެވެ. އިންޑިއާއިން އެންމެ ފަހުން އައި ކާގޯ ފެރީގައިވެސް 700 ޓަނުގެ މުދާވަނީ ކުޅުދުފުއްޓަށް ގެނެސްފައެވެ.