ޚަބަރު

ޢާއިލީގޮތުން ގާތް މީހުން ތިބޭ ކޯޓުތަކަށް ފަނޑިޔާރުންނަށް ބަދަލުނުވެވޭގޮތް ހަދައިފި


ފަނޑިޔާރުންނާ އެކި ގޮތްގޮތުން ޢާއިލީ ގުޅުންއޮތް މުވައްޒަފުން މަސައްކަތްކުރާ ކޯޓަކަށް އަމިއްލައަށް އެދިގެން ބަދަލުނުވެވޭގޮތަށް ޤަވާއިދު އިސްލާޙުކޮށްފިއެވެ.

މިބަދަލު ގެނެސްފައިވަނީ ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާއި، ފަނޑިޔާރުން އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގެނެސްފައިވާ އިސްލާޙުގައެވެ.

ޖޭއެސްސީން ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުންނަކީ އެކޯޓެއްގެ މަސައްކަތް ކުރާ މުވައްޒަފުންނާ މުޞާހަރާގެ ގޮތުން، ނުވަތަ ނަމުގެ ގޮތުންން، ނުވަތަ ކައިވެނީގެ ގޮތުން ގުޅުމެއް އޮތް ބަޔަކަށް ވެގެން ނުވާނެކަމަށް އެކޮމިޝަނަށް ޤަބޫލުކުރެވޭކަމަށެވެ.

މިއާއެކު ފަނޑިޔާރުން ޢައްޔަނު ކުރުމުގައާއި އެކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި އެކަމަށް ރިޢާޔަތް ނުކޮށްފިނަމަ، "ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދު 2011" ގައި ބަޔާންކޮށްފައިވާފަދަ ފުށުއެރުމެއް އުފެދޭނެތީ، "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އާއި "ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާއި އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އަށް އިޞްލާޙް ގެނައުމަށް ޖޭއެސްސީން ނިންމާފައިވާކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރާއިރު ސްކްރީން ކުރުމުގެ މަރުޙަލާގައި ފަނޑިޔާރުކަމަށް އެދި ހުށަހަޅާފައިވާ ކޯޓުގެ މުވައްޒަފުންގެ ތެރޭގައި އެ މީހަކު އެ ކޯޓުގެ ފަނޑިޔާރަކަށް ޢައްޔަންކޮށްފިނަމަ، "ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދު 2011"ގައި ބަޔާންކޮށްފައިވާފަދަ ގުޅުމެއް އޮތް މުވައްޒަފަކު ނެތުން އިތުރުކޮށް ފަނޑިޔާރުން އަމިއްލައަށް އެދިގެން ކޯޓު ބަދަލުކުރުމުގައި ޝަރުތެއްގެ ގޮތުގައި ބަދަލުވާން އެދިފައިވާ ކޯޓުގެ މުވައްޒަފުންގެ ތެރޭގައި އެ ފަނޑިޔާރަކު އެކޯޓަށް ބަދަލުވުމުން، "ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދު 2011"ގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް އޮތް މުވައްޒަފަކު ނެތުން އިތުރުކޮށްފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.