ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ޙުކުމް މިމަހުގެ 21 ވަނަ ދުވަހު


މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް، އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ޙުކުމް އިއްވުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ. ކުރިން މިމައްސަލާގައި ޙުކުމްކުރުމަށް ތަޢާވަލުކޮށްފައި އޮތީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިންމި ޝަރީޢަތުގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޑރ.މުޙައްމަދު ޖަމީލް ވަނީ ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ހުރިކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރާ ކަންބޮޑުވުންތަކާއި ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް ހިންގާފައިވާ ކަމަށް ވިދާޅުވެ އެޙުކުމް ދަމަހައްޓަފިނަމަ ގޯސް ނަތީޖާތަކެއް ނުކުމެދާނެކަމަށް ވިދާޅުވެފައެވެ.

އަދި މިމައްސަލާގައި ބުނާ ގއ.ވޮޑަމުލާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ދޫކުރި ރަށެއްނޫންކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ. އަދި އެރަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގެ އެއްވެސް ވާހަކައެއް ރައީސް ޔާމީނާ ހަމައަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވަކީލުންގެ ޓީމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޑރ.މުޙައްމަދު ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން ވިޔަފާރި ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށްވާއިރު އެކައުންޓަށް ޖަމާވި ފައިސާ އެމަނިކުފާނު އިންވެސްޓްކޮށްފައިވާކަމަށް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބުތަކަށް ޚަރަދު ނުކުރެވޭގޮތަށް އިސްލާމިކް ބޭންކުގައި ފައިސާ އިންވެސްޓްކުރަންޖެހޭ ސަބަބެއްނެތްކަމަށް ވިދާޅުވެ ސިޔާސީ މަސައްކަތްތަކަށް ފައިސާ ލިބިވަޑައިގެންނެވިކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަށް ދައުލަތުން ވަނީ ރައްދުދެއްވާފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސްއަހަރަށް ޖަލަށްލުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ކުރީގެ ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެ ފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ކުރީގެ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.