ޚަބަރު

ރިޒް ކުންފުނީގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި


ޤަވާއިދާއި ޚިލާފަށް ބިދޭސީން ގެންގުޅުނު މައްސަލާގައި ރިޒް ކުންފުނީގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުން ވިދާޅުވީ، ރިޒް ކުންފުނީގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލާގައި ދަޢުވާކުރުމަށް މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާކަމަށެވެ.

ބ.ބޮޑުފިނޮޅުގެ މައްސަލައަށް ސަމާލުކަން ލިބުނީ ދިވެހިންތަކެއް އެރަށުގައި ރަހީނުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެރަށަށް އެރުމުންނެވެ. ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ އެރަށަށް ފުލުހުން ދިޔައިރު 198 ބިދޭސީން ތިއްބެވެ. އޭގެ ތެރެއިން 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
މިއާއެކު ރިޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރެވޭ ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ފުލުހުން އެއިރު ވަނީ ހާމަކޮށްފައެވެ. އެގޮތުން ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް ހަ މަސްވަންދެން މުސާރަ ނުދޭ މައްސަލައެއްވެސް ފެންމަތިވެފައިވާއިރު، ބޮޑުފިނޮޅުގައި ގެންގުޅުނު ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކެއް އެމީހުންނާމެދު ހިންގާފައިވާކަން ފުލުހުން ވިދާޅުވެފައިވެއެވެ. ބިދޭސީން އެރަށަށް ގެންގޮސް އެމީހުން ލައްވާ މަސައްކަތްކުރުވި ރިޒް ކުންފުނިން މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާއިރު، ބިދޭސީންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ ކަން ވެސް ވަނީ ހާމަވެފައެވެ. އޭގެ އިތުރުން އެ ބިދޭސީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބެލެވޭނެ ކަންކަން ކޮށްފައިވާ ކަމަށާއި އެކަމުގެ ތުހުމަތު ރިޒް ކުންފުނީގެ މައްޗަށް ކުރެވޭކަން ފުލުހުން ވަނީ ހާމަ ކުރައްވާފައެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުން ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވެ، ރާއްޖެއަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެކޮށްފައިވަނީ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުންނެވެ. އެނގިފައިވާ ގޮތުގައި އެރަށުގައި މަސައްކަތްކުރުމަށް ރިޒް ކުންފުނިން ސަބް ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ބިދޭސީންތަކެއް ރާއްޖެ އެތެރެކޮށްފައިވެއެވެ.

ރިޒް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުންޏެކެވެ.