ޚަބަރު

149 ކިލޯގެ ޑްރަގްގެ މައްސަލަ މަޖިލީހަށް


ގދ.ފަޅުރަށެއްކަމަށްވާ ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ 2019 ވަނަ އަހަރު ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން އެމައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ 2019 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ގދ. ގައްދޫ ކޯޓުގައި ދައުވާ އުފުލީ އެމައްސަލައިގައި ހައްޔަރުކުރި 5 މީހެއްގެ މައްޗަށެވެ. މީގެތެރެއިން 4 މީހެއްގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އަނެއް މީހާގެ މައްޗަށް އުފުލާފައިވަނީ އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ގދ.ގައްދޫ އެދުރުގެ އުމުރުން 25 އަހަރުގެ ޔާމިހް ޚާލިދާއި ހަމަ އެގޭ އުމުރުން 42 އަހަރުގެ އަހްމަދު ހަލީމާއި ގއ.ކޮނޑޭ ރޮމޭންސް އުމުރުން 35 އަހަރުގެ ޝަފީޒު މުހައްމަދާއި ގއ.ނިލަންދޫ އުމުރުން 35 އަހަރުގެ އަލީ ޝާކިރާއި ގއ.ކޮނޑޭ ގަހާކޯޅި އުމުރުން 34 އަހަރުގެ އަހްމަދު އަނިލްގެ މައްޗަށެވެ.

މިމައްސަލައިގައި ދައުވާކުރުމަށް ގައްދޫ ކޯޓަށް ހުށަހެޅީ 2019 އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ނަމަވެސް އެމައްސަލަ ކޯޓުން ބޭރުކޮށްލީ ޢިޖުރާޢީ މައްސަލަތަކެއް ހުރެގެންކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. ކޯޓުން މައްސަލަ ބޭރުކޮށްލާފައިވާއިރު، އެމައްސަލަ އިސްތިއުނާފްކުރުމާމެދު ޕީޖީ އޮފީހުން ވަކި ގޮތެއް އަދި ނުނިންމަވައެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިހުމާލުތަކުގެ މައްސަލަ ބަލައި، ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވުމަށްޓަކައި އިއްޔެ މަޖިލީހަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

ފަޅު ރަށުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި ކެނެބިސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.