ޚަބަރު

2020 ވަނަ އަހަރު އިމިގްރޭޝަންއިން 71 ހާހަށްވުރެ ގިނަ ވީޒާ ދޫކޮށްފައިވޭ


2020 ވަނަ އަހަރު އިމިގްރޭޝަންއިން 71 ހާހަށްވުރެ ގިނަ ވީޒާ ދޫކޮށްފައިވާކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.

އިމިގްރޭޝަންއިން ހާމަކޮށްފައިވާގޮތުގައި އެ އިދާރާއިން 2020 ވަނަ އަހަރުގެ ތެރޭގައި ވަނީ ޖުމްލަ 71777 ވީޒާ ދޫކޮށްފައެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި އެ އިދާރާއިންވަނީ ވޯކް ވީޒާގެ ގޮތުގައި 64235 ވިސާ ދޫކޮށްފައެވެ. އެއީ މާލެ ސަރަޙައްދަށް 63081 ވީޒާއާއި އަތޮޅުތެރޭގެ ރަށްރަށަށް 1154 ވީޒާއެވެ.

އިމިގްރޭޝަންއިން މިދިޔަ އަހަރުގެ ތެރޭގައިވަނީ ވޯކް ވީޒާގެ އިތުރުން ވިޔަފާރިއަށް ނުވަތަ ބިޒްނަސް ވީޒާގެ ގޮތުގައި 3587 ވީޒާ ދޫކޮށްފައެވެ. އަދި ސްޓޫޑެންޓް ވީޒާގެ ގޮތުގައި 648 ވީޒާ ދޫކޮށްފައިވާއިރު، ޑިޕެންޑެންޓް ވީޒާގެ ގޮތުގައި ދޫކޮށްފައިވަނީ 1909 ވިސާއެވެ. ސްޕެޝަލް ވީޒާގެ ގޮތުގައި މިދިޔަ އަހަރު އިމިގްރޭޝަންއިން ދޫކޮށްފައިވަނީ 310 ވީޒާއެވެ. މީގެ އިތުރުން އެހެނިހެން ބޭނުންތަކަށް އިމިގްރޭޝަންއިން 1088 ވީޒާ ވަނީ ދޫކޮށްފައެވެ.

އިމިގްރޭޝަނުން ކުރިންވަނީ ކޯވިޑް-19ގެ ސަބަބުން ވީޒާގެ ފައިސާ ދައްކަން ދަތިވެފައިވާ ފަރާތްތަކާއި ވީޒާ ހެއްދުމަށް އުޒުރުވެރިވެފައިވާ ފަރާތްތަކުގެ ފީދެއްކުން ވަގުތީގޮތުން ފަސްކޮށްދީފައެވެ. އަދި ހަމައެއާއެކު ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭގައި ތިބި ބިދޭސީންގެ ކަންކަން ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ރާއްޖެއިން ބޭރަށް ދާން ބޭނުންވާ މީހުންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި ގަވާއިދާއެއް ގޮތަށް ތިބި މީހުންގެ ތެރެއިންވެސް ޤައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމުގެ މަސައްކަތްވެސް އިމިގްރޭޝަން އިން ވަނީ ކޮށްފައެވެ.