ވިޔަފާރި

ޗައިނާ މޯލްޑިވްސް އިންވެސްޓަމްންޓް ފޯރަމް ބެއިޖިންގ ގައި ފަށައިފި


ޗައިނާގެ ބެއިޖިންގްގައި ބާއްވާ ޗައިނާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ފަށައިފިއެވެ.ބެއިޖިންގ ހޮޓެލް އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރގައި ކުރިއަށްދާ މިފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވައިސް ޗެއަރ ޕަރސަން އޮފް ސްޓޭންޑިންގ ކޮމެޓީ އޮފް ނެޝަނަލް ޕީޕަލްސް ކޮންގްރެސް އޮފް ޗައިނާ މެޑަމް ޝެން ޔޫޔޫ ދެއްކެވި ވާހަކަފުޅުގައި، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި، ޗައިނާގެ އިންވެސްޓަރުންގެ ފަރާތުން ރާއްޖެއަށް ލިބެން ހުރި ފުރުޞަތުތަކުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ. މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް އަހްމަދު އަދީބު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އިޤްތިޞާދީ ވައުދުތައް މިހާރު ފުރިހަމަ ވަމުން އަންނަކަން ފާހަގަކުރައްވަމުން، ރާއްޖެއަށް އިތުރު އިންވެސްޓަރުން ގެނެސް ރާއްޖޭގައި ސަރުކާރުން ހިންގަން ރާވާފައިވާ ބޮޑެތި މަޝްރޫޢުތައް ފެށުމުން އިގްތިޞާދީގޮތުން އިތުރު ކުރިއެރުންތައް ލިބިގެންދާނެކަން ފާހަގަ ކުރެއްވިއެވެ.ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން އަދީބު ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްއަކީ މިކަމުގެ ރަމްޒެއްކަމަށެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓްއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަ ކުރައްވަމުން، މިއަހަރު ނިމުމުގެ ކުރިން މި ކަމުގެ އެއްބަސްވުމުގެ ފުރަތަމަ މަޝްވަރާތައް ބޭއްވިގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި، މިއެއްބަސް ވުމުގެ ދަށުން ވިޔަފާރީގައި ރާއްޖެއަށް ފަހި ދޮރެއް ހުޅުވިގެންދާނެކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަނަށް ފާހަގަ ކުރެއްވިއެވެ.މިރަސްމިއްޔާތުގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅުގައިވެސް، ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓްގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.މިފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ގެ މަޖައްލާއާއި، "ޑުއިންގ ބިޒްނަސް" ގެނަމުގައި ރާއްޖެއިން ލިބެން ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭ ގައިޑް ފޮތެއް ނެރެ ދެއްވުން އޮތެވެ. މި ދެ ފޮތްވެސް ނެރެދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެވެ.ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގައި ހުރި ޕްރޮޖެޓްތަކާއިބެހޭ މަޢުލޫމާތު ދިނުމުގެ ޕްރެޒެންޓޭޝަނެއް ކުރިޔަށް ގެންގޮސްފައި ވެއެވެ. މި ޕްރެޒެންޓޭޝަންގައި، މާލޭ ސްޕޯޓްސް ސިޓީ ޑިވެލޮޕްކުރުމާއި، ހުޅުމާލޭ ޔޫތް ސިޓީއާއި، މެރިން ޓްރާންސްޕޯޓް ތައްޤީކުރުމަށް ހުރި ފުރުޞަތުތަކާއި، ރިނިއުބަލް އެނާޖީގެ ދާއިރާއިން ހުރި ފުރުޞަތުތަކާއި، ރިޔަލްއެސްޓޭޓް ވިޔަފާރިއާއި، ބޭންކިންގ އަދި ފައިނޭންސިންގ ފަދަ ދާއިރާތައް ހިމަނާފައިވެއެވެ.މިފޯރަމް ހުޅުވުމުގެ ރަސްމިއްޔާތައްފަހުގައި، ފޯރަމާ އެކުއެކީގައި ކުރިއަށްދާ އެގްޒިބިޝަން މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަން ވަޑައިގެންނެވި ބޭފުޅުން ވަނީ ބައްލަވާލައްވާފައެވެ.