ޚަބަރު

އަސްކަރީ ގުޅުންތަކުން ޑިފެންސްގެ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިއްޖެ: މިނިސްޓަރ


ދުނިޔޭގެ އަސްކަރީ ބޮޑެތި ބާރުތަކާއެކު އޮންނަ ގުޅުން ބަދަހިވުމާއި ގުޅިގެން ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި، ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހި އަސްކަރިއްޔާގެ ހަފްތާ މަޖައްލާ "އައްޑަނަ"އަށް މިނިސްޓަރ ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވަނީ ދުނިޔެއަށް އަންނަ ތަރައްގީއާއެކު، އަސްކަރީގޮތުން ކުރިއަރާފައިވާ ބޮޑެތި ގައުމުތަކާ ދިވެހި ސިފައިންގެ ގުޅުން ބަދަހިކުރަމުން އަންނަކަމަށެވެ. އެގޮތުން އަސްކަރީ ބޮޑެތި ގައުމުތަކާއެކު ދިވެހި އަސްކަރިއްޔާއިން ބާއްވަމުންދާ ރަހުމަތްތެރިކަމުގެ ގުޅުމާއެކު، ދިވެހި އަސްކަރިއްޔާގެ ކުރިމަގު މިހާރު ފެންނަމުންދަނީ އައު، އިތުރު ހަރުފަތްތަކާއެކުކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވެފައިވެއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހިކުމަތްތެރި ވިސްނުންފުޅާއެކު، ދިވެހި އަސްކަރިއްޔާ ކުރިއަރުއްވާ ތަރައްޤީ ކުރެއްވުމަށް، ފަންނީ އަދި މާލީ އެހީތައް މިހާރު ދިވެހި އަސްކަރިއްޔާއަށް މެދުނުކެނޑި ލިބެމުން އަންނަކަމަށެވެ. މިއީ ދިވެހި އަސްކަރިއްޔާއަށާއި، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބޭ އުފަލަކާއި ހިތްވަރެއްކަމަށް މިނިސްޓަރ ސިފަކުރެއްވިއެވެ.

އަސްކަރީ ގޮތުން ކުރިއަރާފައިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކާއެކު ތަފާތު ދާއިރާތަކުން ސިފައިން ބިނާކުރުމަށް މަޝްވަރާތައް މިހާރު ކުރެވެމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަސްކަރީ ބޮޑެތި އެތަކެއް ބާރުތަކާއެކު، ދިވެހި ސިފައިން މިހާރު ބާއްވަމުން އަންނަ ރަހުމަތްތެރިކަމުގެ ގުޅުމުން ދިވެހި ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގިނަ ހޯދުންތައް ހޯދި، ޓެރަރިޒަމްގެ ހަމަލާތަކާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތަކަށްވެސް ހަރުދަނާ ކުރިއެރުންތައް ލިބޭނެކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އަދި ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަންތަކުގައި އައު ތަޖުރިބާއާއި، ކުރިއެރުންވެސް ލިބި، ކުރިއަށް އޮތްތަނުގައިވެސް އޭގެ ފައިދާ ސިފައިންނަށް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ޤާބިލްކަން އިތުރު ކުރުމަށް ސިފައިންނަށް ބޭނުންވާ ތަމްރީންތައް ކުރިއަށްގެންދިޔުމުގައި މިދިޔަ އަހަރަށް ވުރެ ގިނަ މަސައްކަތްތަކެއް މިއަހަރުވެސް ކުރަން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކަންކަމަށް ދުރާލައި ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާ ހުނަރާއި ތަމްރީންތައް ލިބިފައިވާ ޤާބިލް ލަޝްކަރަކަށްވުމަށް އަބަދުވެސް ބަދަހި ކަމާއެކު ދިވެހި ސިފައިން ތިބޭ ތިބުމާއި މެދު މުޅި ގައުމު ފަހުރުވެރިވާކަމަށްވެސް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެފައިވެއެވެ.