ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާޓް ނެރެފި


ރާއްޖެއަށް މޫސުން ގޯސްވެ، ޅ. އަތޮޅާއި މ. އަތޮޅާ ދެމެދުގެ ރަށްތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވިދާޅުވީ މި ސަރަޙައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 4:00އާ ހަމައަށްކަމަށެވެ. އަދި އެސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޅ. އަތޮޅާއި މ. އަތޮޅާ ދެމެދަށް ޔެލޯ އެލަރޓް ނެރެފައިވާއިރު ހއ. އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް އެއިދާރާއިން ނެރެފައިވާ ވައިޓް އެލަރޓުގެ މުއްދަތު އިރުއޮއްސި 6:00 އާހަމައަށް ވަނީ އިތުރުކޮށްފައެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މިއަދު ކުރަމުންމިދާ ވިއްސާރައާ ގުޅިގެން ބައެއް ރަށްރަށުގައި ވަނީ ފެންބޮޑުވެފައެވެ. އެގޮތުން ބ. މާޅޮހުގެ 12 ގެއަކަށް ވަނީ ފެންވަދެފައެވެ. މާޅޮހު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝުޖާޢު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މީގެތެރެއިން 7 ގެއެއްގެ ފަރުނީޗަރުތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ.

ބައެއް ގެތަކަށް ފެން ވަދެ ގެއްލުން ލިބުނު ނަމަވެސް އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހިފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާޅޮހުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފްއާއި ފުލުހުން އަދި މާޅޮހު ކައުންސިލުން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެތެރޭގައި އެންމެ ގިނަ ޢަދަދަކަށް ވާރޭ ވެހިފައިވަނީ ބ.ދަރަވަންދޫއަށެވެ. އެގޮތުން ބ. ދަރަވަންދޫއަށް ވަނީ 88.0 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.

މިހާރު ރާއްޖޭގެ އެކި ހިސާބަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.