ޚަބަރު

މޫދަށް ކުނި އަޅައި މައްސަލަ އިސްލާހުނުކުރުމުން، ވެމްކޯއަށް ބޮޑު ޖޫރިމަނާއެއް!


އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އެއް މިލިއަނައަށްވުރެ ގިނަ ރުފިޔާއިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން ވެމްކޯ ޖޫރިމަނާކޮށްފައިވަނީ، ވެމްކޯގެ އުޅަނދަކުން ތިލަފުށީ ފަޅުތެރެއަށް ކުނި އެޅުމާއި ގުޅިގެން މައްސަލަ ބެލުމަށްފަހު ވެމްކޯގެ ކުނި އުފުލާ އުޅަނދު ފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައިވާތީއާއި އަދި ކުނި އުފުލުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މޫދަށް ކުނި އެޅުމަށް މަގުފަހިވާގޮތަށް އަމަލުކުރަމުން ދިޔުމާއި ގުޅިގެނެވެ.

ކުނި ނެގުމުގެ މަސައްކަތުގެ ތެރެއިން ތަކުރާރުކޮށް މޫދަށް ކުނި އަޅައި މައްސަލާގައިކަމަށް އީޕީއޭއިން ބުނެއެވެ. މޫދަށް ކުނި އަޅައި މައްސަލައިގައި އީޕީއޭއިން ވެމްކޯ ޖޫރިމަނާކޮށްފައިވަނީ 1 މިލިއަން އެއް ލައްކަ އަށާވީސް ހާސް، ހަތް ސަތޭކަ ފަންސާސް ރުފިޔާއިންނެވެ. އަދި މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ އަންގާފައެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ވެމްކޯ ޖޫރިމަނާކުރީ ވެމްކޯގެ ކުނި ނެގުމުގެ އޮޕަރޭޝަންތަކުގައި ވޭސްޓް މެނޭޖްމަންޓް ޤަވާއިދާއި ޚިލާފަށް މޫދަށް ކުނި އެޅޭ ގޮތަށް ވެމްކޯގެ އޮޕަރޭޝަންތައް ހިންގަމުންދާތީކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން އެތައް ފަހަރެއްގެ މަތިން ވެމްކޯގެ އޮފިޝަލުންނާ މަޝްވަރާކުރިކަމަށާއި، ޖޫރިމަނާކުރީ ކަންކަން އިސްލާހުނުކުރުމުންކަމަށް ނައީމް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ވެމްކޯއިން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.