ވިޔަފާރި

މޮބައިލް ފޯނުގެ ވިޔަފާރިކުރުން ބިދޭސީންނަށް މަނާކޮށްފި




ބިދޭސީންނަށް
މޮބައިލް ފޯނު އަދި މޮބައިލް ފޯނާއި ގުޅުން ހުރި ތަކެތި ރީޓެއިލް އުސޫލުން
ވަކިވަކި ޔުނިޓް ކަސްޓަމަރުންނަށް ވިއްކުމުގެ ވިޔަފާރި ނުކުރެވޭ ގޮތަށް
ހަމަޖައްސައިފިއެވެ.



އިކޮނޮމިކް
މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤަވާއިދުގެ ދަށުން ބިދޭސީންނަށް
ޙަރަކާތްތެރިނުވެވޭނެ ދާއިރާތަކުގެތެރެއިން ރީޓެއިލް އުސޫލުން މޮބައިލް ފޯނުގެ
ވިޔަފާރި ނުކުރެވޭގޮތަށް މިހާރު ހަމަޖައްސާފައިވާކަމަށެވެ. މިއާއިއެކު މިހާރު
ހިނގަމުންދާ ބިދޭސީ ވިޔަފާރިތަކުން، މިދާއިރާގައި މިހާރު ކުރަމުންދާ ވިޔަފާރީގެ
ހުރިހާ މުއާމާލާތްތަކެއް ކުރިއަށްއޮތް 3 މަސް ދުވަހުގެތެރޭގައި
ހުއްޓާލަންޖެހޭނެކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.



ދިވެހިރާއްޖޭގައި
ކުރެވޭ ފޮރިން އިންވެސްޓްމަންޓާއިބެހޭ ޤާނޫނާއި، ވިޔަފާރި ރަޖިސްޓްރީކުރުމުގެ
ޤަވާޢިދުގެ ދަށުން ބިދޭސީންނަށް އިންވެސްޓްކުރުމަށް ހުއްދަނުދޭ ދާއިރާތަކެއް ވަނީ
ކަނޑައަޅާފައެވެ.



އެގޮތުން ފިހާރަތަކުގައި
ކޭޝިއަރުންގެ ގޮތުގައި އާއި ފޮޓޯގްރަފީގެ މަސައްކަތްތަކުގައި ބިދޭސީން އުޅުމަކީ މަނާ ކަމެއްގެގޮތުގައި ހަމަޖައްސާ، އެ ކަންކަމަށް
ހުއްދަ ދިނުން ވެސް ވަނީ ހުއްޓާލާފައެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތަކަށް ދިވެހިންނަށް
ފުރުސަތު ދިނުމުގެގޮތުންކަމަށް ސަރުކާރުން ބުނެފައިވެއެވެ.