ކުޅިވަރު

އިންޓަރ މަޔާމީގެ ކޯޗް ކަމާއި ފިލް ނެވިލް ހަވާލުވަން ނިންމައިފި


އިންގްލަންޑްގެ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗު ފިލް ނެވިލް އެމެރިކާގެ މޭޖަރ ލީގު ސޮކަރގެ އިންޓަރ މައާމީގެ ކޯޗް ކަމާއި ހަވާލުވަން ނިންމައިފިއެވެ. އިންޓަރ މައޭމީއަކީ އިންގްލަންޑްގައި އުފެދުނު އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ ކަމަށްވާ ޑޭވިޑް ބެކަމްގެ ޓީމެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީމަހު އިންގްލަންޑް އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗްކަމާއި ހަވާލުވި ނެވިލް އޮތީ މިއަހަރުގެ ޖުލައި މަހު އިންގްލަންޑް ޓީމްގެ ކޯޗުކަމުން ވަކިވާގޮތަށް ކުރިންވެސް ހަމަޖެހިފައެވެ. އަދި މިއަހަރު ޖަޕާންގެ ވެރިރަށް ޓޯކިއޯގައި ބޭއްވުމަށް ހަމަޖެހިފައިއޮތް އޮޕިލްމްސް ގޭމްސް ގައި ވާދަކުރާ ގްރޭޓް ބްރިޓަންގެ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗްކަމާއި ހަވާލުވާގޮތަށްވެސް އޮތީ ކުރިން ހަމަޖެހިފައެވެ. ނަމަވެސް މިހާރު ނެވިލް ހަވާލުވާނީ އޭނާގެ ގާތް އެކުވެރިޔާ އަދި ކުރިން އެއްކޮށް އެއްޓީމަކަށް ކުޅެފައިވާ ބެކަމްގެ ޓީމްގެ ކޯޗުކަމާއިއެވެ.

އިންޓަރ މައޭމީއިންވަނީ އެޓީމްގެ ކޯޗު ޑިއޭގޯ އަލޮންސޯ މިދިޔަ ހަފްތާގައި މަގާމުން ވަކިކޮށްފައެވެ. އެއީ ފުރަތަމަ ސީޒަންގައި ރަގަޅު ނަތީޖާތަކެއް ނެރެދެވޭގޮތް ނުވުމުންނެވެ. ނެވިލްގެ ކޯޗުކަމުގެ ދަށުން އިންގްލަންޑް އަންހެން ޓީމް ވަނީ 2019 ވަނަ އަހަރުގެ ޝީބިލީވްސް ކަޕް ކާމިޔާބުކޮށްފައެވެ. އަދި ހަމަ އެއަހަރު ބޭއްވި އަންހެން ވާރލްޑް ކަޕްގެ ހަތަރު ވަނަ މަޤާމްވެސް އެޓީމަށް ހޯދައިދީފައެވެ. ނަމަވެސް އެއަށްފަހު މާއެދެވޭ ނަތީޖާތަކެއް އިންގްލަންޑް އަންހެން ޓީމަށް ނެރެވެމުން ނުދާކަން ފާހަގަކޮށްލެވެއެވެ.