ޚަބަރު

ފައުޒާންގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް


މޫދަށް ގެނބެމުންދިޔަ ކުދިންތަކެއް ސަލާމަތްކުރަން އުޅުމުގެތެރޭގައި ނިޔާވި ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު އަޙްމަދު ފައުޒާންގެ ހަނދާނުގައި ސްކޫލްތަކުގައި މިއަދު އެއް މިނިޓުގެ ސުކޫތެއް ގެނެސްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި ޙާދިސާގައި ފައުޒާން ނިޔާވެފައިވަނީ ފުވައްމުލަކުގައި މޫދަށް އެރިއުޅުނު އަންހެންކުދިންތަކެއް ގެނބެމުންދަނިކޮށް އެކުދިން ސަލާމަތްކުރުމަށް އޭނާގެ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި މަސައްކަތްކުރަނިކޮށެވެ.

ފައުޒާންގެ ހަނދާނުގައި މިއަދު ސްކޫލްތަކުގެ ހެނދުނުގެ އެސެމްބްލީގައި ސުކޫތެއް ގެނެސްފައިވާއިރު މިޙަރަކާތުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވަނީ ކުރިއަށް ގެންގޮސްފައެވެ. މިސްކޫތާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއީ އެންމެ ފަހު ވަގުތުވެސް ފައުޒާން ދެއްކި ހިތްވަރާއި ސާބިތުކަމުގެ ހަނދާންއާކޮށް ފައުޒާންއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރުމަށްޓަކާ ސްކޫލްތަކުން ކުރިއަށްގެންދިޔަ ޚާއްސަ ވަގުތުކޮޅެއްކަމަށެވެ.

ފައުޒާންއަކީ އެންމެނާވެސް ގުޅޭ އަޚްލާގު ރަނގަޅު ދަރިވަރެއްކަމަށް ފުވައްމުލަކު ސްކޫލުންނާއި އޭނާ ދަންނަ މީހުން ކުދިން ފާހަގަކުރެއެވެ. ސްކައުޓް ހަރަކާތުގައި ޕެޓްރޯލް ލީޑަރެއްގެ މަޤާމު އަދާކުރަމުންދިޔަ ފައުޒާން ނިޔާވީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ކުއްލި ފަރުވާ ދެމުންދަނިކޮށެވެ.

ފައުޒާން ނިޔާވުމާގުޅިގެން ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި ޢާއްމުންވަނީ ފައުޒާންގެ ހިތްވަރާއި އިންސާނިއްޔަތުގެ ރޫޙު ފާހަގަކޮށް އޭނާއަށް ހެޔޮ ދުޢާކޮށްފައެވެ.