ސިޔާސީ

އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ އިޙުތިޖާޖުން ބަޔަކު ހައްޔަރުކޮށްފި


ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ހޯދުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިޔަށް ގެންދިޔަ އިޙުތިޖާޖުން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އިޙުތިޖާޖު ކުރިޔަށް ގެންގޮސްފައިވަނީ ޖެންޑަރ މިނިސްޓްރީގެ ކުރިމަތީގައެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މިއަދު މެންދުރުކުރިޔަށް ގެންދިޔަ އިޙުތިޖާޖުގައި ޖިންސީ ގޯނާއާއި ރޭޕްގެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލާފައެވެ. މީގެއިތުރުން ޕީޕީއެމްއާއި ޕީއެންސީއިން ޖެންޑަރ މިނިސްޓްރީއަށް އޮކްޓޯބަރު މަހުގެ 19ގައި ފޮނުވި ސިޓީއަކަށް ޖަވާބެއްދީފައި ނުވާކަމަށް ބުނެ އިޙުތިޖާޖު ކުރި ފަރާތްތަކުން ވަނީ އަޑުއުފުލާފައެވެ.

މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އިދިކޮޅު ޕީޕީއެމްއިން ފޮނުވި ސިޓީގައި އެދިފައި ވަނީ ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއާއެކު ބައްދަލުވުމެއް ކުރިޔަށްގެންދިޔުމަށް ކަމަށެވެ. ނަމަވެސް އެދުވަސްވަރު މިނިސްޓަރގެ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމާއެކު ބައްދަލުވުން ބޭއްވެން ނެތްކަން 22 އޮކްޓޯބަރުގައި އީމެއިލް މެދުވެރިކޮށް އަންގަވާފައިވާނެކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ އިދިކޮޅުން ފަރާތްތަކުން ފޮނުވި ސިޓީއާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއެކު ބައްދަލުވުމެއް ޝެޑިއުލް ކުރާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.