ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި އަދިވެސް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރިކަމަށާއި، ކޮމިޓީ މަރުހަލާގައި އެކަންކަމަށް އިސްލާޙް ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްތަކެއް ވަމުންދާތީ އެކަމައްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށް އަންނަ ބުދަ ދުވަހު ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު، އެޖަލްސާގައި އޮތީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށައަޅުއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލުގައިވާ ކަންތައްތަކަށް ބަލާއިރު އިންތިޚާބުތަކާއި ބެހޭ އާންމު ޤާނޫނުން ރައްޔިތުންނަށް ލިބިދީފައިވާ ބައެއް ހައްޤުތައް އުނިވާގޮތަށް ބައެއް މުއްދަތުތައް ކުރުކުރަން އެ ބިލުގައި ހިމަނާފައިވާކަމަށެވެ.
މީގެ އިތުރުން ވަކި މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބާއްވައި ނިންމަންވާނެކަމަށް އަލަށް ހުށައެޅި ބިލުގައިވެސް ހިމަނާފައިވުމަކީ ކަންބޮޑުވާކަމެއްކަމަށާއި، އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބެންވާނެކަމަށް ޝަރީފް ވިދާޅިވިއެވެ.
އަދި އެނޫން ގޮތަކަށް އިސްލާޙުކުރާނަމަ އެއީ ޤާނޫނުގެ ރޫޙާއި ޚިލާފު ކަމެއްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު ނެތްކަމަށް އިޢުލާން ނުކުރާނަމަ އެޗްޕީއޭގެ ގައިޑްލައިންތަކަށް ރިއާޔަތްކޮށްގެން އިންތިޚާބު ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް އޮންނަންވާނެކަމަށެވެ.
ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބާއްވަންވާނީ ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ކަނޑައަޅާ އުސުލުތަކާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ބިލުގައި ބަޔާންކޮށްފައިވީނަމަވެސް އެންމެފަހުން ޤާނޫނަށް ގެނައި އިސްލާޙުގައިވެސް އެފަދަ މޭރުމުން އޮތުމުން އިންތިޚާބު ބާއްވަން ހުރަސްތަކެއް ކުރިމަތިވެފައިވާތީ ދެން އިސްލާޙުކުރަންވާނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވެ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވާނެ އުސޫލުތަކެއް ހިމަނައިގެންކަމަށް ޤަބޫލުކުރައްވާކަމަށް ޝަރީފް ވިދާޅިވިއެވެ.
އިލެކްޝަންސް ކޮމިޝަނުންވެސް އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް އިސްލާޙު ގެނައުމަށް ބޭނުންވާ ކަންކަން ހިމެނޭ ޑްރާފްޓެއް މަޖިލީހާއި ހުށައެޅިކަމަށާއި، އެހެންކަމުން ސަރުކާރުގެ ފަރާތުން ބިލުގައި ހިމަނާފައިވާ ކަންކަމާއި ގުޅޭގޮތުން ކޮމިޓީ މަރުހަލާގައި އެކޮމިޝަނާއި ބައްދަލުކޮށް މަޝްވަރާކުރާނެކަމަށް އުންމީދުކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް 136 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. ނަމަވެސް އެއީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި އަޅާބަލާއިރު މަދު ޢަދަދެއްކަމަށް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.