ޚަބަރު

އެންގުމާ ޚިލާފަށް މަގުމަތީގައި ކުނި ނެރެފައި


ސްކޫލް ހުޅުވުމުގެ ސަބަބުން ދުވާލު މާލޭގެ މަގުމަތީގައި ދުއްވާ އުޅަނދުފަހަރުގެ ތޮއްޖެހުން ބޮޑުވެ މަގުމަތީގައި ދިމާވާ ދަތިތައް ޙައްލު ކުރުމަށްޓަކާ ވެމްކޯއިންވަނީ އެކުންފުނިން ރައްޔިތުންނަށް ދެމުން ގެންދާ ކުނި އުކާލުމާއި ކުނި ކެހުމުގެ ޚިދުމަތްދޭ ގަޑިތަކަށް މިމަހުގެ 10ވަނަ ދުވަހުން ފެށިގެން ބަދަލު ގެނެސްފައެވެ.

ކުރިން ކުނި ނަގަމުން އައީ މެންދުރު 12އިން ފެށިގެން މެންދުރުފަހު 2:00އާ ހަމައަށެވެ. އެހެންނަމަވެސް މިހާރު ކުނި ނެގުމަށް ނިންމާފައިވަނީ މެންދަމު 12އިން ފެށިގެންނެވެ. އަދި ކުނި ނެރުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ރޭގަނޑު 10:00އިން ފެށިގެން މެންދަމު 12:00އަށެވެ.

ވެމްކޯއިން ކުނި ނަގާ ގަޑިއަށް ބަދަލުގެނައި ނަމަވެސް ބައެއް ގެތަކުން ދުވާލުގެ ގަޑީގައ ކުނި ނެރެފައިވާތަން މަގުތަކަށް ބަލާލުމުން މަދުން ނަމަވެސް ފެންނަން ހުރިއެވެ. އަދި ނެރޭ ކުނި ކޮތަޅުތައް ރަނގަޅަށް ބަންދުނުކޮށް ހުންނަ މަންޒަރުވެސް ވަރަށް ގިނައިން ފެނެއެވެ. ކުނި ނަގާ ގަޑިއަށް މިމަހުގެ 10ވަނަ ދުވަހުން ފެށިގެން ބަދަލުގެނައުމަށްފަހު ވެމްކޯއިން ވަނީ އެހެން ގަޑިތަކުގައި މަގުތަކަށް ކުނި ނެރުމަކީ މަނާ ކަމެއްކަމުގައި ކަނޑައަޅާފައެވެ.

ކުނި ނެރުމަށް ވެމްކޯއިން ކުރިން ކަނޑައަޅާފައިވާ ގަޑީގެ ގޮތުން އޮފީހަށް ދާ މީހުންނަށް އެކަމުގައި ދަތިތަކާއި ކުރިމަތިވެއެވެ. އެހެންނަމަވެސް މި ފަހަރު ގަޑިތަކަށް ބަދަލު ގެނައީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލާ ގިނަ މީހުން އެދިފައިވާ ގޮތަކަށް ވެމްކޯއިން ވިދާޅުވެއެވެ. ނިދުމުގެ ކުރިން ނުވަތަ ރޭގަނޑުގެ މަސައްކަތްތައް ނިންމާލުމަށްފަހުނ ކުނި ނެރުމަކީ ރައްޔިތުންގެ ގިނަ ބަޔަކަށް ފަސޭހަވާނެ ގޮތެކެވެ. އަދި މި ބަދަލާއިއެކު ދުވާލު ގަޑީގައި ކުނިނަގަން ވެމްކޯގެ ވެހިކަލްތައް ނުކުތުމުން މަގުތަކުގައި ތޮއްޖެހޭ ޖެހުމަށްވެސް ލުޔެއް ލިބޭނެއެވެ.

މި ބަދަލާއެކު ކުނި ނެގުމަށް ވެމްކޯއިން މުޅި ޖުމްލަ 24 ވެހިކަލް އެއްފަހަރާ މަގުތައް މައްޗައް ނެރޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މިގޮތަށް ވެމްކޯގެ ވެހިކަލްތައް ހަރަކާތްތެރިވާއިރު މަގުތަކުގައި ވެހިކަލްތައް ޕާކުކޮށްފައި ހުންނަ ގޮތުންވެސް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް ވެމްކޯގެ ހައުސްހޯލްޑްސް ކަލެކްޝަންގެ މެނޭޖަރ މުޙައްމަދު ޝާން ވިދާޅުވިއެވެ. އެހެން ކަމުން މަގުގެ ކަންމައްޗަށްވާގޮތަށް އަނެއް މަގަށް އަޅަން އޮންނަ ދިމާގައި ވެހިކަލްތައް ޕާކު ނުކުރުމަށް ވެމްކޯއިން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.

މާލެ ސިޓީ ކައުންސިލުންވަނީ ވެމްކޯގެ ވެހިކަލްތަކަށް މަސައްކަތްކުރުމަށް ފަސޭހަވެގެންދާނެ ގޮތަކަށް ކަންކަން ރޭވުމުގެ ގޮތުން 42 ޕޫލިންގް ޕޮއިންޓް ކަނޑައަޅާފައެވެ. އެހެންކަމުން މިހާރު ކުނި ނަގާ ގަޑީގެ ގޮތުން ޕޫލިން ޕޮއިންޓްތަކުގެ ބޭނުން ވެމްކޯއިން ކުރަންޖެހޭނީ ރައްޔިތުން ގެޔަށްވަދެ ވެހިކަލްތައް ޕާކްކޮށް ނިންމާފަހުންނެވެ.

"އަޅުގަނޑުމެންނަށް މިހާރު ލިބިފަ ހުރި ޕޫލިން ޕޮއިންޓްތަކުގައި ހުންނާނެ ނަންބޯޑުތަކާ އެއްޗިހި ހަރުކޮށްފަ. އެހެންވީމަ ކޮންމެ ރެއަކުވެސް 12އިން ފެށިގެން ހެނދުނު 8އާ ހަމައަށް އެ ޕޫލިންގް ޕޮއިންޓް ހުސްކޮށްލަދެއްވާފަ ބާއްވާށޭ އަޅުގަނޑުމެންވެސް ބޭނުމެއްނުވޭ އެހެން ބޭފުޅެއްގެ ވެހިކަލްއެއްގަ އަތްލާކަށް އެހެން ބޭފުޅެއްގެ ވެހިކަލް ދުރައް ޖައްސާކަށް" ވެމްކޯގެ ހައުސްހޯލްޑްސް ކަލެކްޝަންގެ މެނޭޖަރ މުޙައްމަދު ޝާން ވިދާޅުވިއެވެ.

ކުނި ނެރޭ ގަޑިއަށް ބަދަލު ގެނައިނަމަވެސް މޮނީޓަރިންގެ ހާލަތުގައިވާ ގެތަކުން ކުނި ނަގާ އުސޫލަތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.