ވިޔަފާރި

ސީއެމްޑީއޭގެ ޗެއަރޕަރސަންގެ މަޤާމަށް އައިޝަތު ޒާހިރާ


ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮޓޯރިޓީ، ސީއެމްޑީއޭގެ ޗެއަރޕަރސަންގެ މަޤާމަށް ހ. ސަނޯރާމާ އައިޝަތު ޒާހިރާ އައްޔަންކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީއާބެހޭ ޤާނޫނު ގައި ވާގޮތުގެ މަތިން ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކުރައްވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ސީއެމްޑީއޭގެ ޗެއަރޕަރސަންގެ މަޤާމަށް އައިޝަތު ޒާހިރާ އައްޔަންކުރައްވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

އައިޝަތު ޒާހިރާ ވަނީ މީގެކުރިން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުވެސް ފުރުއްވާފައެވެ. 31 އަހަރު އެމްއެމްއޭއަށް ޚިދުމަތްކުރެއްވުމަށްފަހު އައިޝަތު ޒާހިރާ އެމްއެމްއޭއިން ރިޓަޔާ ކުރެއްވިއިރު އެކަމަނާ ވަނީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމު 2 ދައުރު ފުރިހަމަ ކުރައްވާފައެވެ.

ސީއެމްޑީއޭގެ ބޯޑުގައި މިވަގުތު ތިއްބަވަނީ:
ބޯޑުގެ ޗެއަރޕަރސަން: އައިޝަތު ޒާހިރާ
ޗީފް އެގްޒެކްކެޓިވް އޮފިސަރ: މަޤާމު ހުސްކޮށް
ސީނިއަރ އެގްޗެކެޓިވް ޑިރެކްޓަރ/ އެމްއެމްއޭ: އައިޝަތު ނާދިޔާ
ސެކްރެޓަރީ ޖެނެރަލް: އަޙްމަދު ސިރާޖް
ރެޖިސްޓްރަރ އޮފް ކޮންޕެނީޒް: މަރިޔަމް ވިސާމް
ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރައްވާ: ފާތިމަތު ޝަފްނީޒް
ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރައްވާ: ރިފާޢަތު ޖަލީލް

ސީއެމްޑީއޭގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހްމަދު މާޒިންއެވެ. އަދި އެ އޮތޯރިޓީގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ނާދިޔާ ހަސަންއެވެ. ނާދިއާ ވަނީ 2019 ގައި އިސްތިއުފާ ދެއްވާފައެވެ.